އިމްޕޯޓު ޑިއުޓީގެ އާމްދަނީ އާއި އެކްސްޕޯޓު ކުރި މިންވަރު ދަށަށް ގޮސްފި

މިދިޔަ މަހު ލިބުނު އިމްޕޯޓު ޑިއުޓީގެ އާމްދަނީ އާއި ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު 20 އިންސައްތަ ދަށަށް ގޮސްފި އެވެ. ކަސްޓަމްސްއިން އާންމު ކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މަހު ...

27 Mar 2018 | 07:35

މިދިޔަ މަހު ލިބުނު އިމްޕޯޓު ޑިއުޓީގެ އާމްދަނީ އާއި ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު 20 އިންސައްތަ ދަށަށް ގޮސްފި އެވެ.

ކަސްޓަމްސްއިން އާންމު ކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 20 އިންސައްތަ ދަށްވެފައި އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 323 މިލިޔަން ރުފިޔާ ލިބިފައިވާ އިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 257 މިލިޔަން ރުފިޔާ އެވެ.

ކަސްޓަމްސް އިން ބުނީ ބުނީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވީ ސިނގިރޭޓުގެ ޑިއުޓީއަށް މިދިޔަ އަހަރުގެ މާޗު މަހު ދެ ވަނަ ދުވަހު ގެނައި ބަދަލާއި ގުޅިގެން ބޮންޑެޑްވެއާ ހައުސްގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓަށް ޑިއުޓީ ދައްކާފައިވާތީ އެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު ފެބްރުއަރީ މަހު 299 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު މިދިޔަ މަހު އެކްސްޕޯޓު ކޮށްފައިވަނީ 240 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ 20 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއަށް މުދާ އިމްޕޯޓު ކުރި މިންވަރު ވަނީ 26 ޕަސެންޓު އިތުރުވެފައި އެވެ. ޖުމްލަ 3.05 ބިލިއަން ރުފިޔާގެ މުދާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓު ކޮށްފައިވާއިރު މިއަހަރުގެ އެ މުއްދަތުގައި 3.85 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކުރި އެވެ.

އެންމެ ގިނަ މުދާ އިމްޕޯޓު ކޮށްފައިވަނީ ސިންގަޕޫރުންނެވެ. އެންމެ ގިނަ މުދާ އެކްސްޕޯޓު ކުރީ ތައިލެންޑަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް