ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންގެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އަމުރު ބާތިލް ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް މިއަދު ސުޕްރީމް ކޯޓުގައި ފަށަން ތާވަލު ކޮށ...

27 Mar 2018 | 05:32

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އަމުރު ބާތިލް ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް މިއަދު ސުޕްރީމް ކޯޓުގައި ފަށަން ތާވަލު ކޮށްފި އެވެ.

އެ ނިންމުން ބާތިލު ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅީ ބަންޑާރަ ނާއިބުގެ ފަރާތްޕުޅުންނެވެ. ބަނޑާރަ ނާއިބު މި މައްސަލަ ކޯޓަށް ހުށަހެޅި ފަހުން މިހާތަނަށް ދެ އަޑު އެހުމެއް ބާއްވަން ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފައި އެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރެފައިވާ އަމުރުގައި ބުނެފައިވަނީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާ ގޮތަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް އެ އަމުރުގައި ކަނޑައެޅި އެވެ.

ބަންޑާރަ ނައިބު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ކުރިން ވަނީ އަމުރުގެ މި މާއްދާއަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފަ އެވެ. އެ އަމުރު ސުޕްރީމް ކޯޓުން ނެރެދިނެވެ.

އެހެންވެ  އަމުރުގެ ފަހުން ބޭއްވި އެއްވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް އެ މެންބަރުން މަޖިލީހަށް ވަނުމުގެ ހުއްދަ ސަލާމަތީ ބާރުތަކުން ދީފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް