އެމްއެންޔޫއިން ފުރަތަމަ ފަހަރަށް ދެ ދަރިވަރަކު ޕީއެޗްޑީ ހާސިލް ކޮށްފި

ދިވެހިރާއްގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ފުރަތަމަ ފަހަރަށް ދެ ދަރިވަރަކު ޕީއެޗްޑީ ހާސިލް ކޮށްފި އެވެ. ޕީއެޗްޑީ ހާސިލް ކުރި ދެ ދަރިވަރުންނަކީ ސުނީނާ ރަޝީދު އަދި އައިޝަތު އަލީ އެވެ. އެ ދަރިވަރުނ...

27 Mar 2018 | 03:45

ދިވެހިރާއްގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ފުރަތަމަ ފަހަރަށް ދެ ދަރިވަރަކު ޕީއެޗްޑީ ހާސިލް ކޮށްފި އެވެ.

ޕީއެޗްޑީ ހާސިލް ކުރި ދެ ދަރިވަރުންނަކީ ސުނީނާ ރަޝީދު އަދި އައިޝަތު އަލީ އެވެ. އެ ދަރިވަރުންނަށް ޕީއެޗްޑީ ސަނަދު ހަވާލުކޮށްފައިވަނީ ރޭ ދަރުބާރުގޭގައި ބޭއްވި އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

ސުނީނާ އާއި އަިއޝަތު ޕީއެޗްޑީ ހާސިލް ކޮށްފައިވަނީ ތައުލީމީ ދާއިރާއިންނެވެ.

ސުނީނާ ޕީއެޗްޑީ ހާސިލް ކުރީ ރާއްޖޭގެ މުދައްރިސުން ތަމްރީންކުރުމުގެ މައިދާނީ ތަމްރީނު މިހާރު ހިންގާ ގޮތާއި ދިމަވާ ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތްތަނުގައި އެ ތަމްރީންތައް ރާވާ ހިންގިދާނެ ގޮތްތަކާ ބެހޭގޮތުން އޭނާ ކުރި ދިރާސާގެ މައްޗަށެވެ.

އައިޝަތު ޕީއެޗްޑީ ހާސިލް ކުރީ 1900 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހިނގައިދިޔަ 115 އަހަރުގެ މުއްދަތުގައި ރާއްޖޭގައި ހިންގި މުހިންމު ތައުލީމީ ސިޔާސަތުތައްް "ޕްރޮޖެކްޓް ޓެރެޖެކްޓްރީ" ގެ ނަޒަރިއްޔާއިން އޭނާ ކުރި ދިރާސާގެ މައްޗަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ އެމްއެންޔޫގެ އެކި ކޯސްތައް ފުރިހަމަ ކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްފައި އެވެ. އެގޮތުން 290 ދަރިވަރަކު ދަސްވެނިވި އެވެ.

އެއީ 145 ދަރިވަރަކު ބެޗްލާސް ޑިގްރީ އަދި 143 ދަރިވަރަކު މާސްޓާސް ޑިގްރީ އެވެ. ދަސްވެނިވިނި ދަރިވަރުންގެ ތެރެއިން ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކޮށްގެން ރައީސުލް ޖުމްހޫރިއްޔާގެ އެވޯޑް ހަތް ދަރިވަރަކު ހާސިލްކުރި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ފުރަތަމަ ފަހަރަށް ގައުމީ ޔުނިވާސިޓީން އަތޮޅޫ ތެރޭގައި ގާއިމްކޮށްފައިވާ ގޮފިތަކުގެ ތެރެއިން ފ. ނިލަންދޫ އަދި ދ. ކުޑަހުވަދޫގައި ހުންނަ ގޮފީގެ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް