"ހައުސްފުލް 4" ގެ ލީޑްރޯލުން ކިތައް ތަރިން ފެންނާނެ!

ބޮލީވުޑްގެ ފިލްމު ހައުސްފުލްގެ ހަތަރު ވަނަ ބައި ކުޅުމަށް ގިނަ ތަރިންތަކަކާއި އެކު ދަނީ އެއްބަސްވަމުންނެވެ. އަދިވެސް މުޅި ކާސްޓުގެ އަދަދު ނޭނގޭއިރު ކޮންމެ ހަފްތާއަކު މުޅިން އާ ތަރިއެއް ފިލްމާ ގުޅޭ ހަބަ...

27 Mar 2018 | 03:30

ބޮލީވުޑްގެ ފިލްމު ހައުސްފުލްގެ ހަތަރު ވަނަ ބައި ކުޅުމަށް ގިނަ ތަރިންތަކަކާއި އެކު ދަނީ އެއްބަސްވަމުންނެވެ.

އަދިވެސް މުޅި ކާސްޓުގެ އަދަދު ނޭނގޭއިރު ކޮންމެ ހަފްތާއަކު މުޅިން އާ ތަރިއެއް ފިލްމާ ގުޅޭ ހަބަރުތައް ދަނީ ނޫސްތަކަށް އަރަމުންނެވެ. މިހާތަނަށް އަށް ތަރިން ލީޑްރޯލުން ފެނިގެންދާނެ ކަމަށް ބެލެވިފައި ވަނިކޮށް އަނެއްކާވެސް އާ އަންހެން ތަރިއަކު ވަނީ ފިލްމާ ގުޅިފަ އެވެ.

ސައުތް އިންޑިއަން ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ޕޫޖާ ހޭޖް އެ ފިލްމު ކުޅުމަށް އެއްބަސްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޕޫޖާ އަކީ ޓެލުގޫ އާއި ޓަމިލް ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ އެކެވެ.

މި ފިލްމުގައި ޕޫޖާ ފެނިގެންދާނީ ކޮން ރޯލަކުން ކަމެއް އަދި ހާމައެއް ނުކުރެ އެވެ. މި ފިލްމާ ގިނަ ތަރިންތަކެއް ގުޅެމުންދާތީ އަދިވެސް ފިލްމުގައި ހިމެނޭ ޖުމްލަ ތަރިންގެ އަދަދު ހާމަވާން ދުވަސްކޮޅެއް ނަގާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕޫޖާ ހިންދީ ފިލްމަކުން ފެނިގެން ގޮސްފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ ރިތިކް ރޯޝަން އާއި އެކު ކުޅުނު "މޯހެންޖޯ ޑަރޯ" އިންނެވެ. އެ ފިލްމުން އޭނާއަށް ބޮޑު ތަރުހީބެއް ލިބި ބޮލީވުޑްގެ ފިލްމުތަކުން ހުށަހެޅުންތައް ލިބުނު ނަމަވެސް އެއްވެސް ހުށަހެޅުމެއް ގަބޫލު  ކޮށްފައި ނުވާ ކަމަށް ވެ އެވެ.

ޕޫޖާގެ އިތުރުން "ހައުސްފުލް 4" ގައި ފެނިގެންދާ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރު، ކްރިތީ ސަނަން، ބޮބީ ޑިއޯލް، ޖެކޮލިން ފެނާންޑޭޒް، ޕަރްނީތާ ޗޯޕްރާ، އަބީޝެކް ބައްޗަން، ކިއަރާ އަދްވާނީ އަދި ރިތޭޝް ދޭޝްމުކް ހިމެނެ އެވެ.

މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސާޖިދު ހާން ޑައިރެކްޓު ކުރާ "ހައުސްފުލް 4" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ދިވާލީގައި އެވެ. ހައުސްފުލް ސީރީޒްގެ 3 ވަނަ ފިލްމި ރިލީޒް ކުރީ 2016 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް