ސަލްމާން ހާންގެ ޅިޔަނު އަޔޫޝް ޝަރުމާ ބޮލީވުޑަށް ތައާރަފުވާ ފިލްމު، "ލަވްރަޓްރީ" އިން ކެޓްރީނާ ކެއިފްގެ ކޮއްކޮ އިޒަބެއްލާ ކެއިފްއަށް ޖާގަ ނުލިބުނީ ކީއްވެކަން އޮތީ މީޑިއާއަށް ނޭނގިފަ އެވެ.
ކެޓްރީނާ އަކީ ސަލްމާންގެ ވަރަށް ގާތް ބަތަލާ އެކެވެ. އެހެންވެ ސަލްމާން ވަނީ އިޒަބެއްލާއަށް އެ ފިލްމުގައި އަޔޫޝް އާއި އެކު ލީޑްރޯލް ކުޅުމުގެ ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން ކެޓްރީނާއަށް ދީފަ އެވެ. އެއީ އިޒަބެއްލާގެވެސް ފުރަތަމަ ބޮލީވުޑް ފިލްމަށް ވުމަށް ކެޓްރީނާވެސް ބޭނުންވާތީ އެވެ.
އެގޮތަށް ނިންމިކަމަށާއި އެކަމަކު އެންމެ ފަހު ވަގުތު އިޒަބެއްލާ އަށް އެ ރޯލު ނުދޭން ނިންމީ އޭނާއަށް ރަނގަޅަށް ހިންދީން ވާހަކަ ދައްކަން ނޭނގޭތީ ކަމަށް ސަލްމާންގެ ގާތް މީހަކު މީޑިއާގައި ބުނެފައިވެ އެވެ. އޭނާ ބުނެފައިވަނީ ސަލްމާން ބޭނުންވަނީ އަޔޫޝް ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ އެފަދަ އެއްވެސް މައްސަލައެއް ނުޖެހޭނެ ފުރިހަމަ ފިލްމަކަށް ވާން ކަމަށެވެ.
އެމީހާ ބުނެފައިވަނީ އެ ފިލްމަށް އިޒަބެއްލާ ސްކްރީން ކުރި އިރު ހިންދީންނާއި އުރުދު ބަހުން ދޭ ކޮމާންޑުތައް ގިނަ ފަހަރު އޭނާއަށް ނަގައިނުގަނެވޭ ކަމަށެވެ. އަދި އިޒަބެއްލާއަށް ހިންދީން ވާހަކަދައްކަން ނޭނގޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ ކެޓްރީނާ ބޮލީވުޑަށް ތައާރަފުވި ދުވަސްވަރުވެސް ދިމާވި އެވެ. އޭރު ގިނަ ފިލްމުތަކުގައި އޭނާ ދައްކަން ޖެހޭ ވާހަކަތައް ފަހުން ރެކޯޑު ކުރަން ޖެހުމާއި ޝޫޓިންގެ ގަޑީގައި ދައްކަން ޖެހޭ ވާހަކަ އެހެން މީހަކު އަނގައިގެން އަނގަޔަށް އަޅައިދޭން ޖެހޭ ކަމަށްވެ އެވެ.
"ލަވްރަޓްރީ" އިން އިޒަބެއްލާއަށް ޖާގަ ނުދެވުމުން ސަލްމާން ވަނީ ޓީ ސީރީޒްއިން އުފައްދާ ފިލްމަކުން އޭނާއަށް ޖާގަ ދޭން ނިންމާފަ އެވެ.
"ލަވްރަޓްރީ" އިން އަޔޫޝް އާއި އެކު ފެނިގެންދާނީ ވަރީނާ ހުސައިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް