އިސްލާމް ދީނާ ދެކޮޅު މައުލޫމާތުތަކެއް ދޭ ވޯކްޝޮޕެއް ހދ. ހަނިމާދޫގައި ބޭއްވި މައްސަލައިގަ އެ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ހޫނު ފެނަށް ވެއްޓިއްޖެ އެވެ
މީޑިއާ ރިޕޯޓުތަކާއި ދައުރުވަމުންދާ ފޮޓޯތަކުގައި ހަނިމާދޫގައި ދީނާ ދެކޮޅު ވޯކްޝޮޕް ހިންގި ތަނުގަ އެ ޖަމިއްޔާގެ މީހަކާއި އެކު ގަފޫރު ހުންނަވާތަން ފެނެ އެވެ. އަދި އެ ވޯކްޝޮޕް އެ ރަށުގައި ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސީ ގަފޫރު ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.
މިކަމާ ގުޅިގެން ގަފޫރު ވަނީ ކުއްލިއަކަށް ސޯޝަލް މީޑީއާ ޕްލެޓްފޯމް ޓްވިޓާގައި ހަރަކާތްތެރިވާން ފަށާފައި އެވެ. އެންމެ ފަހުން ގަފޫރު ޓުވީޓެއް ކޮށްފައި އިނީ މިދިޔަ އަހަރެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.
މި މައްސަލައިގަ ކުއްލިއަކަށް ކުރެއްވި ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ ހަނިމާދޫގައި ބޭއްވި ވޯކްޝޮޕަކީ އޭނާ އިންތިޒާމް ކުރި އެއްޗެއް ނޫން ކަމަށެވެ. ގަފޫރު ވިދާޅުވީ އެ ވޯކްޝޮޕްގައި އޭނާ ބައިވެރިވީ އެވަގުތު ރަށުގައި ހުންނެވުމުން ކަމަށާއި އޭނާގެ އިތުރުން ހަނިމާދޫގެ ގާތްގަނޑަކަށް200 އެއްހާ މީހުންވެސް ބައިވެރިވި ކަމަށެވެ.
އިތުރަށް ވިދާޅުވީ އެ ވޯކްޝޮޕްގައި ދީނާ ހިލާފު ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ.
https://twitter.com/gafoor2656/status/1232603352116035585
ގަފޫރު މިހެން ވިދާޅުވިޔަސް ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއް ސަލާމް އަލީ މީޑިއާގައި ވިދާޅުވެފައިވަނީ އެ ވޯކްޝޮޕުގެ ދައުވަތު ކައުންސިލްގެ ފަރާތުން އާންމުންނަށް ދިނީ މެންބަރު ގަފޫރުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އެކަމަކު އެއީ ކޮން ބައެއް އިންތިޒާމް އެއްޗެއްކަން އޭނާއަށް ނޭނގޭ ކަމަށް ވިދާޅުވެފައިވެ އެވެ.
އަދި އެވޯކްޝޮޕްގައި ދީނާ ހިލާފު ވާހަކަ ދެއްކި ކަމެއްވެސް ނޭނގެ އެވެ. މި ވޯކްޝޮޕް ބޭއްވި ކަމަށް ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
އެވޯކްޝޮޕުގައި ބައިވެރިވި ބައެއް މީހުން މީޑިއާގައި ބުނެފައިވަނީ މި ވޯކްޝޮޕްތަކުގައި ޝިރުކު ކުރުމާއި އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވައިގެން ވާހަކަދެއްކި ކަމަށެވެ. އަދި މަރުގެ އަދަބު ދިނުމަކީ ހަރުކަށި ފިކުރަށް ތާއީދު ކުރުން ކަމަށް ވޯކްޝޮޕުގެ ބައިވެރިންނަށް ވިސްނައިދޭން މަސައްކަތް ކުރި ކަމަށްވެ އެވެ.
މިފަދަ ވޯކްޝޮޕެއް އައްޑޫ ސިޓީ ހިތަދޫގައިވެސް ބޭއްވި ކަމަށް ވެ އެވެ.
މި މައްސަލަ އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމުން އެކަން ބަލަމުންދާ ކަމަށް އެ މިނިސްޓްރީން އިއްޔެ ވަނީ ހާމަ ކޮށްފައި އެވެ އެ މިނިސްޓްރީން ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފަށް ވޯކްޝޮޕުތަކެއް ބޭއްވި ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.
އެ ޖަމިއްޔާ ހިންގަން އިސްކޮށް ތިބެނީ މީގެ ކުރިން އިސްލާމް ދީނަށް އުޅުމަށް ފަހު ދީން ދޫކޮށްލާފައިވާ ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ މާޖިދު ނަވާޒާއި ރަޝާދު ޒަމާން އަލީ އާއި ހަރަސް ރަފީގް އަދި ޑޭވިޑް ޓޫބެ ނަމަކަށް ކިޔާ ބައެއް ކަމަށްވެ އެވެ.
އެމީހުން ދަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް މެދުމިނުގެ އިސްލާމް ދީންކަމަށް ބުނާ ކަންތައްތަކެއް ފަތުރަން މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް