މާފަންނުގައި އިމާރާތް ކުރަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓިގެ އަނިޔާވެ ފަރުވާ ދެމުން ދަނިކޮށް މަރުވި ރައުޝާން ޖިއާންގެ މަރުގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ޕީޖީން ދައުވާ އުފުލައިފި އެވެ.
ބަންގަލަދޭޝްގެ ކުއްޖެއް ކަމަށްވާ، ރައުޝާން ޖީއާން ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައިވަނީ ޑަބްލިޔު ކޮންސްޓަރަކްޝަން އިން ހަދަމުން އައި އިމާރާތަކުންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ މި މަހުގެ ތެރޭގަ އެވެ.
އެ މައްސަލާގައި ހަ މީހަކަށް ދައުވާކޮށް މިއަދު ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ ހަތަރު އިންޑިއާ މީހަކަށާއި ދެ ދިވެއްސަކަށެވެ. އިންޑިއާ މީހުންނަކީ އެ ތަނުގައި މަސައްކަތް ކުރަން އުޅުނު މީހުންނެވެ.
ދައުވާ އުފުލި ދެ ދިވެހިންނަކީ ދަފްތަރު ނަންބަރު 8424، މޫސާ ހަސަން އާއި ދަފްތަރު 7198 އާދަމް ޝަފީގެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވިކަމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. މޫސާ ހަސަންއަކީ ޑަބްލިޔު ކޮންސްޓަރަކްޝަންގެ ސީނިއާ ސައިޓް ސްޕަވައިޒަރެވެ. އާދަމް ޝަފީގަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.
ދައުވާ އުފުލި ހަތަރު އިންޑިއާ މީހުންނަކީ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހަން އަދި ގުލަމް މަހަމަދެވެ. ރައްޖާވްގެ މައްޗަށް އުފުލީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. ސިމެންތި ބަސްތާތައް އުފުލި ވިންޗް އޮޕަރޭޓްކުރީ އޭނާ އެވެ. ސިމެންތި ބަސްތާއެއް ވެއްޓުނީ ވިންޗް ލައިނަށް މާބޮޑަށް ދޫދެވުމުގެ ސަބަބުންނެެވެ. އެ ކުށް ސާބިތުވެއްޖެނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް