ވޯޓް ކަރުދާހުގައި އިތުރު ފާހަގަ ޖެހުމަކީ ބޮޑު ޖޯކެއް: އެމްޑީޕީ މެމްބަރުން

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފިނަމަ އެ ވޯޓު ކަރުދާސްކޮޅު ބާތިލްވާނެ ކަމަށްބުނެ، ޕީޕީއެމުން އިންތިހާބާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުމަކީ ބޮޑު ޖޯކެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓ...

27 Feb 2019 | 09:09

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފިނަމަ އެ ވޯޓު ކަރުދާސްކޮޅު ބާތިލްވާނެ ކަމަށްބުނެ، ޕީޕީއެމުން އިންތިހާބާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުމަކީ ބޮޑު ޖޯކެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ، ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ފިޔަވާއި އިތުރު ފާހަގައެއް، ކުރެހުމެއް ކުރަހައިފިނަމަ އެ ވޯޓު ކަރުދާސް ބާތިލްވާ ގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

އެ އިސްލާހު ޕީޕީއެމް ސަރުކާރުގެ ދުވަސްވަރު ހަމަ ޕީޕީއެމް ކޯލިޝަނުން މަޖިލީހަށް ހުށަހެޅި އިސްލާހެކެވެ. ނަމަވެސް މަޖިލީހުގެ ސާފު މެޖޯރިޓީ އޮވެމެ، އޭރު ޕީޕީއެމް ސަރުކާރުން ވަނީ އެމީހުން ހުށަހެޅި އެ ބިލް ފާސް ނުކުރުމަށް ނިންމައި މަޖިލީހުން ބޭރުކޮށްލާފަ އެވެ. އޭރު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ އެއީ ޕީޕީއެމަށް އޮޅިގެން މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ކަމަށެވެ.

އޭގެ ފަހުންވެސް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއްގެ ގޮތުގައި އިލެކްޝަސް ކޮމިޝަނުގެ ލަފާގެ މަތިން އެ އިސްލާހާއެކު އިތުރު އިސްލާހުކެއް ހުށަހެޅި ކަމަށް ވެއެވެ. އެ ފަހަރުވެސް، ވޯޓު ކަރުދާހުގައި އިތުރު ފާހަގަ ނުވަތަ ކުރެހުން ކުރުމަކީ ޕީޕީއެމަށް މައްސަލައެއް ކަމަކަށް ނުވި އެވެ.

އެހެންނަމަވެސް މިހާރު އަނެއްކާ އެބިލް މިވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. މިފަހަރުވެސް އެ އިސްލާހު ހުށަހެޅީ ޕީޕީއެމުން ނެވެ. މިފަހަރުވެސް އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ވޯޓު ކަރުދާހުގައި އިތުރު ފާހަގަޖެހުމާއި ކުރެހުމަކީ އެއްވެސް އިރެއްގައި އެމްޑީޕީން ތާއީދު ކުރާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ޕީޕީއެމުން ބޭނުންވީމައި ވޯޓު ކަރުދާހުގައި ކުރެހިފައި، ބޭނުން ނުވީމައި ނުކުރެހޭ ގޮތަށް ހެދުމަކީ ބޮޑު ޖޯކަކަށް މިހާރު ވެއްޖެ ކަމަށެވެ.

ވޯޓު ކަރުދާހުގައި އިތުރު ފާހަގަ ނުވަތަ ކުރެހުމެއް ކުރަހައިފިނަމަ ވޯޓު ކަރުދާސް ބާތިލްވާނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ބޭނުންވާ ކަމަށް މިއަދުގެ ޖަލްސާގައި އެބިލަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވިދާޅުވި އެވެ. ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ އިންތިހާބު ބޯމަތީގައި އޮތްވައި، އިންތިހާބުތަކާބެހޭ ގާނޫނުތަކަށް އިސްލާހުތައް ގެނައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް