ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ ލައިގް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ހަވާލު ކުރުމުގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
އޭސީސީން މިއަދު ބުނެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް "ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް" ކުންފުންޏާ ހަވާލުކުރުމާއި، އެ މަސައްކަތާ ގުޅިގެން ހައުސިންގ ޔުނިޓްތައް ވިއްކުމަށްޓަކައި "ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް" އިން އާންމު ރައްޔިތުންގެ ބަޔަކު އަތުން ފައިސާ ނަގައި މަކަރާއި ހީލަތް ހަދާފައިވާކަމަށްބުނެ މި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގާ ހިމެނޭ ކަންތައްތަކުގެ ތެރެއިން ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުމާލެއިން ބިން ދޫކޮށް، އެ މަސައްކަތް "ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމުގައި އެ ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަކުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވޭތޯ އެ ކޮމިޝަނުން މި ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ބުނެފައިވަނީ އެ މައްސަލައިގާ ހިމެނޭ "ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް" އާއި ހައުސިންގ ޔުނިޓް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކާއި ދެމެދު ކުރެވިފައިވާ ފައިސާގެ މުއާމަލާތްތަކާ ބެހޭ މައްސަލަ ބެލުމަކީ މި ކޮމިޝަނުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ، އެ މައްސަލަ މި ކޮމިޝަނުން ބަލަމުން ނުގެންދާކަމަށެވެ
އެ ކޮމިޝަނަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ފައިސާ އާއި ގުޅޭ މައްސަލަ ތައް މޯލްޑިވްސް ޕޮލިސް ސާވިސް އިން ގެންދަވަނީ ބައްލަވަމުން ކަމަށާއި މި މައްސަލައިގެ ތަހުގީގަށް މި ކޮމިޝަނުން ފާހަގަކުރެވުނު ކަންތައްތަކުގެ ރިޕޯޓް ވާނީ 14 ޖަނަވަރީ 2019 ގައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަދި 15 ޖަނަވަރީ 2019ގައި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް ފޮނުވާފައި ކަމުގައިވެސް އޭސީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް