އިންތިހާބާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ބަޢާވާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ، އިންތިހާބުގެ ޤަވާއިދުތަކާއި އުސޫލުތަކަށް ކުއްލި ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަކީ އެމްޑީޕީއަށް ގެއްލުން ދިނުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.
އިންތި ވިދާޅުވީ، އިންތިހާބުގެ ތާރީޚު ގާތްވެފައި ވަނިކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ޕްރައިމަރީގައި ބަލިވާ ފަރާތްތަކުން އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް 2013 ވަނަ އަހަރު ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 9 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލުކޮށް ހޯމަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށާއި، އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރައްވާ ކަމަށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ ސުޕްރީމް ކޯޓުން އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް