ނައިބު ރައީސް ހުރާ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ހުރާ ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި، ހުރާގެ ކައުންސިލަ...

27 Feb 2019 | 06:06

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ހުރާ ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި، ހުރާގެ ކައުންސިލަރުންވަނީ، ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ރަށުގެ ސުކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ބަނދަރު ކުޑަވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކަރަންޓުގެ މައްސަލަތަކުގެ އިތުރުން ބޭންކުގެ ޚިދުމަތް ރަށުގައި ލިބެން ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މިބައްދަލުވުމުގައި ނައިބު ރައީސް ވަނީ، އިޖުތިމާޢީ އަދި ތަރައްޤީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލާއި ގުޅިގެން މަސައްކަތް ކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ރަނގަޅު އާދަތައް އަށަގެންނެވުމަށް އާންމުން ހޭލުންތެރި ކުރުވުމަށް އިތުރު ހަރަކާތްތައް ރޭވުމަށެވެ. އަދި ބަޖެޓުގައި ހިމެނިފައިވާ ކަންކަން އަވަސްކުރުމަށް ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަން ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް