ރ. އުނގޫފާރު ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އެރަށު ސްކޫލު ގުޅިގެން ކުރިޔަށްދާ މި ޕްރޮގްރާމަކީ ސްކޫލު ކަރިކިއުލަމްގެ ތެރޭގައި ހިމެނޭ ކޮންމެ ކުއްޖަކީވެސް ފަތަންދަންނަ ކުއްޖަކަށް ހެދުމާއި ކުދިންގެ ހިތުގައި ފެތުމަށް ލޯބި ޖެއްސުމާއި އަދި ފެތުމުގެ މުބާރާތްތައް ކުރިޔަށް ގެންދިޔުމަށްފެށި ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމުގައި ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމާއި މޫދުގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ބުނެދީ ފެތުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެެވެ.
އިއްޔެ ފެށި މި ޕްރޮގްރާމުގައި އެ ސްކޫލުގެ ގްރޭޑް 1ން ގްރޭޑް 3ށް ތަޢުލީމް ހާސިލުކުރަމުންދާ 130 ދަރިވަރަކު ބައިވެރިވެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ޕްރޮގްރާމަކީ ސިލްސިލާކޮށް، އެސްކޫލުގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އުނގޫފާރު ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް