ރާއްޖޭގައި މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފިއެވެ.
ބީއެމްއެލްއިން ހާމަކުރާގޮތުގައި މިއީ ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ހޯދައި ބޭންކުގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ.
ބޭންކުގެ " ބީއެމްއެލް ޕްރޮސްޕެކްޓް" ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، 12 މަސްދުވަހުގެ މުއްދަތަކަށް މި އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ބޭންކުގެ އެކިއެކި ޑިޕާރޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މި ގޮތުން މަސައްކަތަށް ބޭނުންވާ ގިނަ މައުލޫމާތު ލިބި، އެ ބައިވެރިންގެ ހުނަރުވެރިކަން އިތުރުވެގެންދާނެ ކަމުގައި ބީއެމްއެލްއިން ހާމަކުރެ އެވެ. އަދި މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށްވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ކަނޑައެޅިގެންދާނެ ކަމަށާއި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބޭނެ ކަމުގައިވެސް އެ ބޭންކުން ހާމަކުރެ އެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ވިދާޅުވީ ޤައުމީ ޔުނިވަރސިޓީ އާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް މި އިންޓަރންޝިޕް ޕްރޮގްރާމް ހުޅުވާލެވޭކަމީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ވަޒީފާ ހޯދުމަށް ފަހި ފުރުސަތެއް މިވަނީ ހުޅުވާލެވިފައި. ކަމަށެވެ.
ބީއެމްއެލްއިން ހާމަކުރާގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 5000 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް