ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފި އެވެ.
މި ހޮސްޕިޓަލަކީ 110 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ތަރައްގީ ކޮށްފައިވާ ހޮސްޕިޓަލެކެވެ.
މި ހޮސްޕިޓަލް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ހަމަޖެހިފައިވާކަން އިއުލާނު ކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވެމެއްގައި އެވެ.
ހުޅުވާ ދުވަސް އިއުލާނު ކުރަމުން އެ ހޮސްޕިޓަލުން ބުނެފައިވަނީ އެ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތް މި ވަގުތު ދެވޭނީ އެޑްމިޓްކޮށްގެން ފަރުވާ ހޯދަ ބަލި މީހުންނަށް އެކަނި ކަމަށާއި ހޮސްޕިޓަލަށް ދާ މީހުންނަށް ހާއްސަކޮށްގެން ގަޑިއަކު އެއް ފަހަރު ހާއްސަ ފެރީއެއްވެސް އޮންނާނެ ކަމަށެވެ.
އެ ހޮސްޕިޓަލް ހުޅުވާ ދުވަހު ހުރިހާ ހިދުމަތެއް ނުލިބޭނެ ކަމަށާއި ނަމަވެސް ފަހަރަކު ހިދުމަތެއް ތައާރަފް ކުރަމުން ގޮސް އަންނަ ޖޫން މަސް ނިމޭއިރަށް ހުރިހާ ހިދުމަތެއް ތައާފރަފް ކުރެވޭނެ ކަމުގައިވެސް އެ ހޮސްޕިޓަލުން ހާމަކުރެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ މަހުޖަނުން ކަމަށް ވާ ޗަމްޕާ ހުސެން އަފީފާއި، ޗަމްޕާ މުހައްމަދު މޫސާ އާއި އަހުމަދު ނަޒީރާއި އަހުމަދު ސަލީމް (ގަދަގޭ ސަލީމް)، އިބްރާހިމް ނޫރައްދީނާއި އަބްދުލްގަނީ އަދި ސަލީމްގެ ދަރިކަލުން އާދަމް ސަލީމް (އެޑަމް) ގެ އިތުރުން ޑރ. އިބްރާހިމް ވިޝާން އަދި ލާސް ޕީޓާ ހިމެނޭގޮތަށް އުފައްދާފައިވާ ޓްރީޓޮޕް އިންވެސްޓްމެންޓްގެ ދަށުން ތަރައްގީ ކޮށްފައިވާ ހޮސްޕިޓަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް