ޕްރައިމަރީއާ ނުލައި 389 މީހަކަށް އެމްޑީޕީ ޓިކެޓު ކަށަވަރުވެއްޖެ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކާ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަނުކޮށް389 މީހަކަށް އެ ޕާޓީގެ ޓިކެޓު ކަށަވަރުވެއްޖެ އެވެ. އެ ޕާޓީން މިއަދު ބޭއްވި ނޫސް...

27 Jan 2020 | 11:28

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކާ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަނުކޮށް389 މީހަކަށް އެ ޕާޓީގެ ޓިކެޓު ކަށަވަރުވެއްޖެ އެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ އިންތިހާބާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ މެމްބަރު އިބްރާޙިމް މުއިއްޒު ވިދާޅުވީ، ޕްރައިމަރީގެ ވޯޓުލުން 109 ރަށުގެ ތެރެެއިން 93 ރަށުގައި ކުރިއަށްދާނެ ކަމަށެވެ.

ޕްރައިމަރީއާ ނުލައި ޓިކެޓު ކަށަވަރުވެފައިވަނީ ރަށު ކައުންސިލަށް ކުރިމަތިލި 1،099 ކެންޑިޑޭޓުންގެ ތެރެއިން 381 ކެންޑީޑޭޓުންނަށެވެ. އަތޮޅު ކައުސިލަށް 72 ކެންޑިޑޭޓުން ކުރިމަތިލިއިރު، ދެ ކެންޑޭޓަކަށް ޓިކެޓް ކަށަވަރުވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީ ހއ އަތޮޅާއި ފ އަތޮޅު ކައުންސިލްގެ ޓިކެޓެވެ.

މީގެ އިތުރުން މާލެ ސިޓީގެެ ފަސް ދާއިރާ އާއި ފުވައްމުލަކު ސިޓީ އެއް ދާއިރާ އަށް ކުރިމަތި ލެއްވި ބޭފުޅުން ޕްއިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވެފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީ ޕްރައިމަރީ ދެ ރަށެއްގައި ނޯންނާނެ ކަމަށެވެ. އެއީ ޅ. އޮޅުވެލިފުށްޓާއި ރ. މީދޫ އެވެ. އެކަމަކު އެމްޑީޕީން ބުނީ އެ ދެ ރަށުންވެސް ޕާޓީގެ އިސް ފަރާތްތައް ގުޅިގެން އިންތިހާބުގައި ވާދަ ކުރާނެ ފަރާތްތަކަކަށް ޓިކެޓު ދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ މިފަހަރުގެ ޕްރައިމަރީގައި އެންމެ ވާދަވެރިކަން ބޮޑީ އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ގޮނޑިތަކަށް ކަމަށެވެ. މިފަހަރު އަލަށް ކައުންސިލް އިންތިހާބުގައި އަންހެނުން ހާއްސަ ބައެއް ކަނޑައަޅާ އެ ބަޔަށް384 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

އެމްޑީޕީން ލަފާ ކުރާގޮތުގައި ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި80،000 އަށްވުރެ ގިނަމީހުން ވޯޓު ލާނެ އެވެ. މި ޕްރައިމަރީގެ ވޯޓު ނެގުން ކުރިޔަށް ގެންދާނީ އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު2:30 ރޭގަނޑު7:30 އަށެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި ޖުމްލަ980ކައުންސިލަރުން އިންތިހާބުު ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް