ކޮރޯނާ ވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 80 އަށް

ޗައިނާގެ ހުބެއި ޕްރޮވިންސްގައި ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު މިހާރު 80 އަށް އަރާފައިވާކަމަށް އެ ގައުމުން ބުނެފިއެވެ. އެގައުމުން މިއަދު، މި އަދ...

27 Jan 2020 | 02:20

ޗައިނާގެ ހުބެއި ޕްރޮވިންސްގައި ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު މިހާރު 80 އަށް އަރާފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.

އެގައުމުން މިއަދު، މި އަދަދު ހާމަކޮށްފައިވާއިރު މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2744 އަށް އިތުރުވެފައެވެ. މިއީ މި ވައިރަސް ޖެހި މަރުވި މީހުންގެ އަދަދުން ވެސް އަދި އަލަށް ވައިރަސް ޖެހުނު މީހުންގެ އަދަދުން ބެލި ނަމަވެސް ވަރަށް ބޮޑުތަނުން އިތުރުވުމެކެވެ.

ޗައިނާގެ ސިއްހަތާއިބެހޭ ގައުމީ ކޮމިޝަނުން މި ބައްޔާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން މިއަދު ބުނެފައިވަނީ ބަލި އިތުރު 769 މީހަކަށް ޖެހިފައިވާއިރު އޭގެން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ހުބެއި ޕްރޮވިންސަށް ނިސްބަތްވާ މީހުން ކަމަށެވެ. އަދި މިހާތަނަށް މި ބަލި ޖެހިފައިވާކަން ކަށަވަރު ކުރެވޭ 2744 މީހުންގެ ތެރެއިން 461 މީހެއްގެ ހާލު ސީރިއަސް ކަމުގައިވެސް ބުނެފައިވެއެވެ.

އިއްޔެއާ އަޅާ ބަލާއިރު އިތުރު 24 މަރެއްގެ ވާހަކަ ޗައިނާއިން އާންމުކޮށްފައިވާއިރު އެ 24 މީހުންވެސް ނިސްބަތްވަނީ ހުބެއި ޕްރޮވިންސަށެވެ.

އެންމެ ފުރަތަމަ ގޮތް ނޭނގޭ ބައްޔެއްގެ ގޮތުގައި ފެނި، ސާސް ވައިރަސް ކަމުގައި ބެލެވި އަދި ފަހުން ނޮވެލް ކޮރޯނާ ވައިރަސްގެ ނަން ދެވި ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ މި ވައިރަސް ޗައިނާގެ ހުބެއި ޕްރޮވިންސްގެ ހުވާން ސިޓީން ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ގައެވެ.

މި ބަލި ކޮންޓްރޯލް ކުރެވޭތޯ ޗައިނާއިން މަސައްކަތް ކުރަމުން އަންނައިރު ހުބެއި ޕްރޮވިންސްގެ އިތުރުން ޗައިނާގެ ޝަންޑޮންގް ޕްރޮވިންސާއި އިތުރު ހަތަރު ސިޓީއެއް މިހާރު ވަނީ ދަތުރުފަތު ނުކުރެވޭހެން ހުއްޓުމަކަށް ގެނެސްފައެވެ.

މި ބަލި ޗައިނާއިން ބޭރުވެ މިހާރު ބައެއް ގައުމުތަކަށް ފެތުރިފައިވާއިރު ރާއްޖެއިންވެސް އަންނަނީ މި ބައްޔަށް ތައްޔާރުވެ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް