އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ކާޑިފް ސިޓީން ރެކޯޑް އަގަކަށް ގަނެފައިވާ އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރަމުން ދިޔަ ކުޑަ މަތިންދާބޯޓު ގެއްލިފައިވަނީ މިދިޔަ ހަފުތާގައެވެ. ޕައިލޮޓްގެ އިތުރުން ސަލާ އެކަނި ދަތުރުކުރި މި ކުޑަބޯޓު ގުއާންސޭގެ އައްސޭރި ފަށުން ރާޑަރުތަކަށް ގެއްލުނީ ފްރާންސްގެ ނަންޓެސް އިން ވޭލްސްއަށް ދަތުރުކުރަމުން ދަނިކޮށެވެ. ސަލާ ކާޑިފްއަށް ސޮއި ކުރުމަށްފަހު އެނބުރި ފްރާންސަށް ގޮސްފައިވަނީ އޭނާގެ ކުރީގެ ކްލަބްގެ ކުޅުންތެރިންނާ ވަދާއީ ސަލާމްކުރުމަށެވެ.
ސަލާ ގެއްލުމާއެކު ދުނިޔޭގެ ފުޓްބޯޅަ އާއިލާއަށް ސިހުމެއް އައިއިރު، އޭނާ ހޯދުމުގެ މަސައްކަތް ދެތިން ދުވަސް މަތިން ކުރުމަށް ފަހު، އެންމެ ފަހުން ގުއާންސޭގެ ފުލުހުން ވަނީ އުންމީދު ކަނޑާލާ މަސައްކަތް ހުއްޓާލާފައެވެ.
މިއާއެކު ފުޓްބޯޅަ ތަރިންނާއި، ފުޓްބޯޅައަށް ލޯބިކުރާ އެތައް ބަޔަކު އަންނަަނީ ސަލާ ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް ގޮވާލާ އާދޭސް ކުރަމުންނެވެ. މީގެ އިތުރުން ސަލާ ހޯދުމުގެ މަސައްކަތަށް ފައިސާގެ އެހީ ހޯދުމަށް ގޯފަންޑްމީ ގައި ވަނީ އޮންލައިންކޮށް ފަންޑް ރައިސިން ކެމްޕޭނެއް ވެސް ފަށާފައެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި، މިހާރު މި ފަންޑަށް ވަނީ 3 ލައްކަ ޔޫރޯ އަށްވުރެ ގިނައިން ލިބިފައެވެ. ކެމްޕޭންގެ އަމާޒަކީ 3 ލައްކަ ހަމަކުރުމެވެ.
މި ފަންޑަށް އެތައް ބަޔަކު އެހީ ދެމުން ދިޔަ ނަމަވެސް، ސަލާ ހޯދުމަށް އެ ސަރަހައްދު ބެލުމުގެ މަސައްކަތް ފެށުމަށް ގުއާންސޭގެ ހުއްދަ ބޭނުންވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް