ގެޓަފޭ އަތުން މޮޅުވި މެޗުގައި އެތުލެޓިކޯގެ ސަޕޯޓަރުން މޮރާޓާގެ ޓްރާންސްފާ އާ ދެކޮޅަށް އަޑުއުފުލައިފި

ހޮނިހިރު ދުވަހު ގެޓަފޭ އާ ދެކޮޅަށް ސްޕެނިޝް ލީގުގައި ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް މޮޅުވިއިރު، އެ ޓީމުގެ ސަޕޯޓަރުން، މޮރާޓާ އެ ޓީމަށް ގެނައުމާ ދެކޮޅަށް އަޑު އުފުލައިފިއެވެ. އެތުލެޓިކޯ އާ އެންމެ ވާ...

27 Jan 2019 | 15:09

ހޮނިހިރު ދުވަހު ގެޓަފޭ އާ ދެކޮޅަށް ސްޕެނިޝް ލީގުގައި ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް މޮޅުވިއިރު، އެ ޓީމުގެ ސަޕޯޓަރުން، މޮރާޓާ އެ ޓީމަށް ގެނައުމާ ދެކޮޅަށް އަޑު އުފުލައިފިއެވެ.

އެތުލެޓިކޯ އާ އެންމެ ވާދަވެރި ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާއަށް ޗެލްސީގައި އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، އޭނާ މި ޓްރާންސްފާ ވިންޑޯގައި އެތުލެޓިކޯއަށް ބަދަލުވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. އެހެނަސް، އެތުލެޓިކޯގެ ބައެއް ސަޕޯޓަރުން ވަނީ މޮރާޓާ ގެނައުމުގެ ބަދަލުގައި ޔޫތު އެކަޑަމީން ތަމްރީނު ވަމުން އަންނަ ޒުވާން މޮޅު ކުޅުންތެރިން ޓީމަށް ނެގުމަށް އިސްކަންދިނުމަށް ގޮވާލާފައެވެ.

"މޮރާޓާ ފަދަ ކުޅުންތެރިން މަދުކޮށް، ބޯޖާ ގާސެސް ފަދަ ކުޅުންތެރިން އިތުރުކުރުމަށް" އެތުލެޓިކޯ ސަޕޯޓަރުން ގޮވާލާފައިވާއިރު، އެތުލެޓިކޯގެ ޔޫތު އެކަޑަމީން ތަމްރީނުވި ގާސެސް އަކީ ދެ ވަނަ ފެނާންޑޯ ޓޮރޭސްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. ގާސެސް އެތުލެޓިކޯގެ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅެދިނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އެ މެޗު އެއިބާ އާ 1-1 އިން އެއްވަރުވިއިރު، އެތުލެޓިކޯއަށް ލަނޑު ޖަހައިދިނީ ގާސެސް އެވެ.

އަނެއްކޮޅުން، އެތުލެޓިކޯއިން އިއްޔެ 2-0 އިން ގެޓަފޭ ބަލިކުރިއިރު، ސަޕޯޓަރުންގެ ނުރުހުން މޮރާޓާއަށް އަމާޒުކޮށްފައިވަނީ މޮރާޓާއަކީ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ކުޅުންތެރިއަކަށް ވާތީކަމަށް ބެލެވެއެވެ. ރެއާލްގެ ޔޫތު އެކަޑަމީން ތަމްރީނުވި މޮރާޓާއަށް ރެއާލްގެ ފުރަތަމަ ޓީމުގައި ރަނގަޅު ފުރުސަތުތަކެއް ނުލިބި ޔުވެންޓަސްއަށް ބަދަލުވިއެވެ. އެއަށްފަހު އޭނާ ދެއްކި މޮޅު ކުޅުމާއެކު ރެއާލްއިން އަލުން އޭނާ ގެނައިއިރު، ދެން ވެސް ރެއާލްގައި ރަނގަޅު ފުރުސަތުތަކެއް ނުލި މޮރާޓާ ޓީމާ ވަކިވާން ބޭނުންވުމުން، ރެއާލް އިން ވަނީ ބޮޑު އަގުގައި ޗެެލްސީއަށް މޮރާޓާ ވިއްކާލާފައެވެ.

ޗެލްސީން ޔުވެންޓަސްގެ ފޯވާޑް ހިގުއައިން އެ ޓީމަށް ގެންގޮސްފައިވާއިރު، އެޓޭކިންގ ޑިޕާޓްމަންޓް ރަނގަޅު ކުރުމަށް އެތުލެޓިކޯއިން ލޯނު އެއްބަސްވުމަކަށް މޮރާޓާ ހޯދުމުގެ މަރުހަލާތައް މިހާރު ވަނީ ގާތްގަނޑަކަށް ފުރިހަމަވެފައެވެ. ބެލެވޭގޮތުގައި 1 އަހަރާ ބައިގެ ލޯނު މުއްދަތު ހަމަވުމުން އެތުލެޓިކޯއިން މޮރާޓާގެ އެއްބަސްވުން ދާއިމީ ވެސް ކުރާނެއެވެ.

އެތުލެޓިކޯގެ ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވިއިރު، މޮރާޓާ ބުނެފައިވަނީ އެއީ "އާދައިގެ" ކަމެއް ކަމަށާއި، ރެއާލް މެޑްރިޑްގައި އޭނާ ހޭދަކުރި ދުވަސްތަކަކީ އޭނާ ފަޚުރުވެރިވާ ދުވަސްތަކެއް ކަމަށެވެ. އެހެނަސް، އެއީ މާޒީކަމަށެވެ.

ރޭގެ މެޗުގައި އެތުލެޓިކޯގެ ބައެއް ސަޕޯޓަރުން މޮރާޓާގެ ޓްރާންފާއާ ދެކޮޅަށް އަޑުއުފުލިއިރު، އެ އަޑުއުފުލުމާ ދެކޮޅު ހެދުމުގެ ގޮތުން ބައެއް ސަޕޯޓަރުން ވަނީ ތުނބުން ފުމެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް