މައުމޫން ނަދީމް އަދި ފާރިސް އަށް ކުރި ޓެރެރިޒަމްގެ ދައުވާ ނަގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ނަގައިފިއެވެ. އެ ތިން ބޭފު...

27 Jan 2019 | 12:37

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ނަގައިފިއެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް ކޮށްފައިވަނީ ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު، ޤާނޫނާ ޚިލާފަށް ވައްޓާލުމަށްޓަކައި މަސައްކަތްކުރިކަމުގެ ތުހުމަތެވެ. މިމައްސަލާގައި ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެތިން ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީގައި ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމުގެ ކުށުގެ ދަޢުވާ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް އަނބުރާ ފޮނުވާފައިވާކަމަށްވެސް ޕީޖީން އެބޭފުޅުންނަށް ފޮނުވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މައުމޫން، ފާރިސް އަދި ނަދީމްގެ މައްސަލަ އަނބުރާ ނަގާފައިވާއިރު އެ ތިން ބޭފުޅުންގެ އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އެ މައްސަލަ އޮތީ ޝަރީއަތަށް ފޮނުވާފަ އެވެ. ޝަރީއަތް ކުރަން ވެސް ހަމަޖެހިފައި އޮތީ ދައުވާ ލިބޭ ހުރިހާ ބޭފުޅުންނަށް އެކުގަ އެވެ.

މައުމޫން، ފާރިސް އަދި ނަދީމްގެ އިތުރުން، ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި އެ މައްސަލަވެސް ޕީޖީން ވަނީ އަނބުރާ ގެންގޮސްފައެވެ. މީގެކުރިން ފާރިސްއަށް ކުރި ރިޝްވަތުގެ ދައުވާ ވެސް ވަނީ އަނބުރާ ނަގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް