ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން، ކެމިކަލް ރައްކާކުރާ ގުދަންތައް ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން، ގުދަން ހަދާފައިވާ ގޮތާއި، ގުދަނުގައި ކެމިކަލް ރައްކާކޮށްފައިހުރި ގޮތާއި، އެތަނުގެ ތެރޭގައި ކަރަންޓް ވަޔަރިންގ ހުރީ ރައްކާތެރިކޮށްތޯ އާއި ޢިމާރާތުގެ ވެންޓިލޭޝަން ހުރި ގޮތް ބަލާ ފާސްކޮށް، އެފަދަ ގުދަންތަކުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިހުރިތޯ އާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަލިފާން ނިވާ އާލާތްތައް ހުރިތޯ ވެސް ބަލާފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހާއި ހަމަޔަށް މި ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެ އެތެރެކުރާ ކެމިކަލް ރައްކާކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ 126 ގުދަނެއް ބަލާ ފާސްކުރުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމް މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިވާއިރު، މި ޕްރޮގުރާމަށް ކެމިކަލް ރައްކާކުރާ ގުދަންތަކުގެ ވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން ދާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް