12 މީހުންނާއެކު މަހަށްފުރި ދޯންޏެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފި

މަހަށް ފުރިފަހުން ޚަބަރެއް ނުވެގެން އުޅޭ ދޯންޏެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން މިއަދު ފަށައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވާގޮތުގައި "ޖަންބޯ" ނަމަކ...

27 Jan 2019 | 10:09

މަހަށް ފުރިފަހުން ޚަބަރެއް ނުވެގެން އުޅޭ ދޯންޏެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި "ޖަންބޯ" ނަމަކަށް ކިޔާ 75 ފޫޓްގެ މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހެނދުނު 10:22 ގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި 12 މީހުންނާއެކު މަހަށް ފުރި މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ ލ.އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތްފަހުން، މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 1900 ހާއިރު ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

މި ދޯންޏަކީ ބޭރުގައި އަޅި ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވެއެވެ.

ދޯންޏާއި ބެހޭ މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ވަރަށް ބޮޑުއެދުމެއް ކަމަށާއި އަދި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވުން އެމްއެންޑީއެފުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް