އެއީ މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ މަންޒަރުތަކެކެވެ. ހިތާމަވެރި މަންޒަރުތަކެކެވެ. ތުއްތު އިރުއްސުރެ ގޯސް މަގަކުން ދަރިފުޅަށް މަގު ކޮށައިދެވޭ މަންޒަރެކެވެ. އަޚްލާގީ ގޮތުންވެސް އަދި އެހެން ގޮތް ގޮތުންވެސްމެއެވެ.
މިދެންނެވިފަދަ އެއް މަންޒަރަކީ ކުޑަ ފިރިހެންކުދިން އަތުގަޔާއި ކަރުގައި ފަށާއި ޗޭނުފަދަ ގަހަނާގެ ބާވަތްތައް އަޅުވާފައި ހުރުމެވެ. ކުޑަ ފިރިހެން ކުދިންނޭ ބުނެ އަޅުގަނޑު މި އިޝާރާތް ކުރަނީ ފެނާއި ތެޔޮ ވަކިނުވާވަރުގެ ދެ އަހަރު އަދި ތިން އަހަރުގެ ކުދިންނަށެވެ. އަދި ހަތަރު އަހަރާއި ފަސް އަހަރުގެ ކުދިންނަށްވެސް މެއެވެ. ފަށާއި ޗޭނުފަދަ ގަހަނާ އެޅުމަކީ "ޕާޓޭ" އަކަށް ވާނޭ ކަމެއް ނޫނޭ ވަރަށް ގިނަ މީހުން ބުނާނެއެވެ. ނަމަވެސް މުޖުތަމަޢުގައި "ޕާޓޭ"ގެ ނަން ލިބިފައިވާ މީހުންގެ ސިފަތަކުގެ ތެރޭގައި މިކަން ހިމެނެއެވެ. އަދި މިނޫނަސްވެސް ބޮޑުވަމުން އަންނަ ދަރިފުޅު އެތަރުބިއްޔަތު ކުރެވެނީ އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފަށެވެ. އެހެނީ އިސްލާމް ދީނުގައި ފިރިހެނުން މިފަދަ ގަހަނާ އެޅުން ހުއްދަވެގެންނުވެއެވެ. ފިރިހެނުންނަށް ހުއްދައީ ހަމައެކަނި ރިހި އަނގޮއްޓެއްގެ މިންވަރެވެ.
ދެވަނަ ކަމަކަށް ފާހަގަ ކޮށްލާނީ ކުޑަ އަންހެންކުދިން މޫދަށް ގެންދާއިރު ހެދުން އަޅުވާފައި ހުންނަ ގޮތެވެ. ޢައިރު މުސްލިމުންގެ ހެދުންތައް ކޮޕީކުރަމުންގޮސް އެންމެ ފަހުން އެމީހުން މޫދަށްދާއިރު ހެދުން އަޅާގޮތްވެސް ކޮޕީކޮށް ކުޑަ ދަރިފުޅު މޫދަށް ގެންދާއިރު ހުންނަނީ " ބިކީނީ" ލައްވާފައެވެ. މިއީ މުޖުތަމަޢުގެ ވަރަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވަމުންދާ ކަމެކެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ފުރަތަމަކަމަކަށް އަންހެންކުއްޖާގެ އައުރައިން ވަރަށް ބޮޑުބައެއް އެހެދުމުގެ ސަބަބުން ފާޅުވާނެއެވެ. މިފަދަ ހެދުން އަޅަން އާދަކޮށްދޭނަމަ އެކުއްޖާގެ ލަދުކެނޑި އައުރަ ނިވާނުވާފަދަ ހެދުންއެޅުން އެއީ މައްސަލައެއް ނޫންކަމަށް ދެކޭނެއެވެ. އަދި ބޮޑުވަމުން އަންނައިރު އަނެއްކާވެސް އިސްލާމްދީނުގެ ހެދުން އެޅުމުގެ އަދަބުތަކާއި ދުރުވާނެއެވެ.
އަހަރެންގެ ދަރިން ހެދުންއަޅުވާނީ އަހަރެން ބޭނުންވާ ގޮތަކަށޭ ބުނެ ދަރިފުޅު ބޮޑުވާއިރު އައުރަ ނިވާނުކޮށް ހުރުމުގެ ސަބަބުން އެކަމުގެ ޢަޒާބު ތިމާ ލިބިގަންނަން ބޭނުން ހެއްޔެވެ؟ އަދި ދަރިފުޅަށްވެސް އާޚިރަތުގައި އެކަމުން ސަޒާ ލިބެން ބޭނުން ހެއްޔެވެ؟
މި ކަންކަން ފާހަގަކޮށް ލިޔުނުނަމަވެސް މިއީ އެއްވެސް ހާލެއްގައި ކުޑަދަރިފުޅު ބުރުގާ އަޅުވައި ދިގުހެދުން ނުވަތަ ދޫހެދުން ލައްވައިފައި ބަހެއްޓުމަށް ނުސީދާގޮތެއްގައި ބުނެދޭ ބުނެދިނުމެއް ނޫނެވެ. އަންހެންކުދިންވެސް އަދި ފިރިހެން ކުދިންވެސް އައުރަ ނިވާ ކުރުން ލާޒިމް ވެގެންވަނީ ބާލިޢުވުމުންނެވެ. ނަމަވެސް އޭގެ ކުރިންވެސް އިސްލާމްދީނުގެ އުސޫލުތަކާއި ގުޅޭނޭ ގޮތަށް ހެދުން އެޅުމަށް އެކުދިންނަށް އާދަކޮށްދޭން ޖެހޭނެއެވެ.
ތިންވަނަ ކަމަކަށް ފާހަގަ ކޮށްލާނީ ކުޑަ ފިރިހެންކުދިންގެ ބޯ އެކިގޮތް ގޮތަށް ކޮށައިފައި ހުރުމެވެ. އެކި ކުރެހުންތަކަށް ކޮށައިފައި ހުރުމެވެ. އެކި ކުރެހުންތައް އަޅައިގެން ބޯކޮށުމުން އެއްބަޔަކަށް އެއީ "ކޫލް" ވެފައި ރީތި ކަމަކަށް ވީނަމަވެސް އެއީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ. ވީމާ ރަނގަޅު ނުބައި ވަކިކުރަން އަމިއްލައަށް ނޭންގޭ އުމުރުގައި މިކަންކަމުގެ ތެރެޔަށް ކުއްޖާ ވެއްދުމަކީ މައިންބަފައިންނަށް ކުރެވޭ ވަރަށް ބޮޑު ގޯސް ކަމެކެވެ.
އެނގިގެންނަމަވެސް ނުވަތަ ނޭންގިނަމަވެސް މިދެންނެވުނު ފަދަ ކަންކަމުގެ ސަބަބުން ކުޑަ ދަރިފުޅު ތި ތަރުބިއްޔަތު ކުރެވެނީ ރަނގަޅު މަގަކުން ނޫނެވެ. ވީމާ މިކަންކަމާ މެދު ބެލެނިވެރިން ވިސްނައިލަމާތޯއެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް