ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އަހަރަކަށް ވާވަރަށް ކޯސްޓް ކިރު ހަދިޔާކުރަން ބީއެޗްއެމްއިން ނިންމައިފި

ދައުލަތުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން ބަލަހައްޓަމުން އަންނަ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ތިބި ކުދިންނަށް އަހަރު ދުވަހަށް ވާ މިންވަރަށް ކޯސްޓް ކިރު ހަދިޔާކުރަން ބީއެޗްއެމް އިން ނިންމައިފިއެވެ....

26 Dec 2019 | 17:26

ދައުލަތުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން ބަލަހައްޓަމުން އަންނަ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ތިބި ކުދިންނަށް އަހަރު ދުވަހަށް ވާ މިންވަރަށް ކޯސްޓް ކިރު ހަދިޔާކުރަން ބީއެޗްއެމް އިން ނިންމައިފިއެވެ.

މިކަން ނިންމައި މިކަމުގެ އެއްބަސްވުމުގައި ޖެންޑަރ މިނިސްޓްރީއާއެކު ބީއެޗެއެމްއިން އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ބީއެޗްއެމްގެ ފަރާތުން ސޮއި ކުރެއްވީ ބީއެޗްއެމްގެ މެނޭޖަރ، ސޭލްސް އެންޑް މާކެޓިން، އިބްރާހިމް ޝަރީފެވެ. ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދުއެވެ.

ބީއެޗްއެމްގެ މި އިސްނެގުމާއި ބެހޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ބީއެޗްއެމްގެ ޑެޕިއުޓީ މެނޭޖަރ، މާކެޓިން އެންޑް ސޭލްސް އިބްރާހިމް ނަބްހާން ނައީމް ވިދާޅުވީ އެ ކުންފުނިން ކޯސްޓް ކިރު ރާއްޖެ ގެނެސް ވިއްކަން ފެށިތާ މި އަހަރަށް 30 އަހަރު ފުރިފައިވާކަމަށެވެ. އެކަން ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ކިރު ހަދިޔާ ކުރުމުކީ އެ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށް ނަބްހާން ވިދާޅުވިއެވެ.

ނަބްހާން އިތުރަށް ވިދާޅުވީ ކުޑަކުދިންގެ ހިޔާ އަދި ފިޔަވައްޗަށް އަހަރު ދުވަސް ވަންދެން ކޮންމެ މަހަކު ބީއެޗްއެމްއިން ކޯސްޓް ކިރު ހަދިޔާ ކުރާނެ ކަމަށާއި މަހުން މަހަށް ބޭނުންވާ އަދަދު އިތުރުވާނަމަ އިތުރުވެސް ކުރާނެ ކަމަށެވެ. ބީއެޗްއެމްގެ އަމާޒަކީ އެ ދެ ހިޔާވަހިކަމުގައި އުޅޭ ކޮންމެ ކުއްޖަކަށް ކޮންމެ ދުވަހަކު މަދުވެގެން އެއް ތަށި ކޯސްޓް ކިރު ފޯރުކޮށްދިނުން ކަމަށާއި އެއީ އެ ކުދިންގެ ދުޅަހެޔޮކަމަށްޓަކައި ބީއެޗްއެމްއަށް އުފަލާއެކު ކޮށްދެވޭކަމެއް ކަމުގައިވެސް ނަބްހާން ވިދާޅުވިއެވެ.

ބީއެޗްއެމް ޓްރޭޑާސް އަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ކާނާގެ ގިނަ ބާވަތްތައް އެތެރެކޮށް ވިއްކަމުން އަންނަ އެއް ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް