އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު މަތީ ތަޢުލީމުގެ ދާއިރާއިން ޤާއިމުކޮށްފައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން، ' އޮސްޓްރޭލިއާ އެވޯޑްސް' ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކިޔަވާ ނިމިގެން އައިސްފައިވާ ދަރިވަރުންނާއިއެކު މަޝްވަރާ ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި އޮސްޓްރޭލިއާ ސަރުކާރުން ދެއްވާ 'އޮސްޓްރޭލިއާ އެވޯޑްސް' ގެ ދަށުން ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ލިބޭ ފުރުސަތުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް އިތުރަށް ދެވިދާނެ އެހީތަކާއި އަދި މިހާރުވެސް އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން މި ދާއިރާއަށް ވެދެއްވައިފައިވާ އެހީތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ލިބިފައިވާ ކުރިއެރުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ވެދެއްވާ ފަހި ފުރުސަތުތައް ފާހަގަކުރައްވާ އަދި ' އޮސްޓްރޭލިއާ އެވޯޑްސް ' ގެ ސްކޮލަރޝިޕް ޕްރޮގްރާމްއިން ދަސްވެނިވިގެން އަންނަ ދަރިވަރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް މަސައްކަތްކުރާ ސަރުކާރުގެ އެކި އިދާރާތަކުގައާއި ކުންފުނިތަކާއި އަދި ޔޫ.އެން ފަދަ ބައިނަލްއަޤުވާމީ އެ.ން.ޖީ.އޯ ތަކުގައި ކުރައްވާ އަގުހުރި މަސައްކަތްތައް ފާހަގަ ކުރައްވާ ޝުކުރު ދެންނެވިއެވެ.
' އޮސްޓްރޭލިއާ އެވޯޑްސް ' އަކީ އޮސްޓްރޭލިއާ ސަރުކާރުން ދޭދޭ ޤައުމުތަކާއި އެކީ އޮންނަ ' ޕަބްލިކް އަދި އިކޮނޮމިކް ޑިޕްލޮމަސީ ' ގުޅުންތައް ބަދަހި ކުރުމަށާއި އެ ޤައުމެއްގެ ތަރައްޤީއަށް އެންމެ މުހިންމު ދާއިރާތަކުން މީހުން ބިނާ ކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތުދޭ ޕްރޮގްރާމްއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް