ފެން ބިލުގެ ދަރަނި ފިލުވާލަން އެކުވެރި ފެންކުންފުނިން މިދެނީ ލުއި ފަސޭހަ ގޮތްތަކަކާއެކު ރަނުގެ ފުރުސަތެއް

ފެން ބިލުގެ ދަރަނި ފިލުވާލެވޭނެ ފަސޭހަ ގޮތްތަކެއް އެކުވެރި އެމްޑަބްލިއުއެސްސީން ހަމަޖައްސައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅު...

26 Dec 2019 | 08:53

ފެން ބިލުގެ ދަރަނި ފިލުވާލެވޭނެ ފަސޭހަ ގޮތްތަކެއް އެކުވެރި އެމްޑަބްލިއުއެސްސީން ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ކަސްޓަމަރުންގެ ފަރާތުން މަހުން މަހަށް ބިލުތަކަށް ފައިސާދެއްކުމަކީ އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި އެ ކުންފުނިން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ޖޫން މަހުގެ 16 ގެ ކުރިން ބިލްތައް ނުދެއްކި ހުރި ފަރާތްތަކުން އެމްޑަބްލިއުއެސްސީއާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ދަތިތައް އެމްޑަބްލިއެސްސީއާ ހިއްސާ ކުރުމުން، ބިލްތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމުގައި އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މި މުއްދަތުގައި އެ ކުންފުނިން އެ ހަމަޖައްސައިދޭ ލުއި އުސޫލުތަކުގެ ދަށުން ބިލު ދައްކާ ފަރާތްތަކުން ފައިސާ އެއްކޮށް ދައްކައިފިނަމަ ޖޫރިމަނާ ފައިސާ މާފުކޮށްދޭނެ ކަމަށާއި އެ މުއްދަތުގައި 50 އިންސައްތަ ފައިސާ ދައްކައިފިނަމަ ޖޫރިމަނާއިންވެސް 50 އިންސައްތަ މާފުކޮށްދޭނެ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އޭރަށް އެއްވެސް ބޭފުޅަކު އެމްޑަބްލިއުއެސްސީއަށް ދަރަނިވެފައި ނޯންނާނެ ކަމަށާއި މިއީ ދަރަނި ފިލުވާލަން ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ފެން ބިލަށް ފައިސާ ނުދެއްކި ލަސްވާ ހާލަތްތަކުގައި ކޮމްޕައުންޑް އިންޓްރެސްޓްގެ ގޮތުގައި އިތުރު އަދަދުތަކެއް އަރަމުން ދިއުމުން ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް އިތުރު ބުރަތަކެއް އުފުލަން ޖެހޭ ކަމަށެވެ. އެހެންކަމުން ޖޫރިމަނާ ނަގަމުން އައި އުސޫލު ބަދަލުކޮށް، ކޮމްޕައުންޑް އިންޓްރެސްޓުން ސިމްޕަލް އިންޓްރެސްޓަށް ޖޫރިމަނާ ނަގާ އުސޫލު މިހާރު ބަދަލުކޮށްފައިވާނެ ކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް މިއަދު ވިދާޅުވިގޮތުގައި އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ބިލް ނުދައްކާތިބި 1751 ކަސްޓަމަރުން އެބަތިއްބެވެ. ދެމަހަށްވުރެ ގިނަ ދުވަހުގެ ބިލް ނުދައްކާ ތިބި 4492 ކަސްޓަމަރުން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް