ގައުމުގެ މިއަދުގެ ހާލަތުގައި އިޖުތިމާއީ އެތައް މައްސަލައެއް އެބަހުރި ކަމަށާއި އެކަން ހައްލުކުރުމަށް ކުރަން ޖެހޭ މަސައްކަތް ބައިވަރު އެބަހުރި ކަަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގައި އިމާރާތްކުރާ ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ އެ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން ކަމަށެވެ. އަދި ރާއްޖޭގައި ހަލާކުވެފައިވާ އިޖުތިމާއީ ވެށި އަލުން ރުޖޫއަކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރ އިމްރާން ވިދާޅުވި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ފަރުދެއް ބިނާކުރުން ކަމަށާއި އެއަށްފަހު އެފަރުދުގެ މައްޗަށް ބިނާވާ ހެޔޮލަފާ ރަނގަޅު އާއިލާއެއް ބިނާކުރުން ކަމަށެވެ.
"އެއާއެކުގައި ބަދަހި ދުޅަހެޔޮ އިޖުތިމާއީ ރަނގަޅު މުޖުތަމައެއް ބިނާކުރުން. އޭގެ މައްޗަށް ޤައުމެއް ބިނާވެގެންދާނީ. ކުޑަހުވަދޫގައި މިއެޅުނު މަރުކަޒުގެ ބިންގަލަކީ އެތައް އަހަރެއް ވަންދެން ހައްލުނުވެ އޮތް މައްސަލައެއް ހައްލުކުރުމުގެ ބިންގާ. މި މަސައްކަތް ކާމިޔާބުވާނީ ކުޑަހުވަދޫގެ ރައްޔިތުންގެ އެއްބާރުލުމާ އެކުގަ." ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވި އެވެ.
ކުޑަހުވަދޫގައި އިމާރާތްކުރާ ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރަކީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިން ރަނގަޅުކޮށް އަލުން މުޖުތަމައުއަށް ނެރުމުގެ ގޮތުން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް އަޅާ ސެންޓަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް