ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މަސްއޫދު ބިން މޮމެން ރާއްޖެ ވަޑައިގެންފި އެވެ.
އެމަނިކުފާނު މިއަދު މެންދުރުފަހު ރާއްޖެވަޑައިގެންފައި މިވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށެވެ. މިއީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނާއި އެގައުމުގެ އިސްބޭފުޅުން ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ، ފޮރިން މިނިސްޓްރީގެ ޗީޕް އޮފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރާއި ޖޮއިންޓް ސެކްރެޓަރީ ފާތިމަތު ޖީނާއެވެ.
މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، ދެގައުމުގެ ދެމެދުގައި ގާއިމް ކޮށްފައިވާ އެއްބަސްވުންތައް ތަންފީޒު ކުރުމުގައި ދެގައުމުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން އެ އެއްބަސްވުންތައް ތަންފީޒު ކުރުމުގައި ލިބިފައިވާ ކުރިއެރުންތަކާއި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އައު ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މިއަދުވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މަސްއޫދުގެ މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، ދާދިފަހުން ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް ވަޑައިގެންފަ އެވެ.
އެ ދަތުރުފުޅުގައި ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި އެގައުމުގެ އިސް ބައެއް ބޭފުޅުންނާ ވެސް ނައިބު ރައީސް ބައްދަލު ކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް