މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް ފޯރިއާއެކު ފެށިގެން ކުރިއަށް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމުގައިވާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދާ "މައިގްރެންޓް ވޯކާސް ކްރިކެޓް ކާނި...

26 Nov 2021 | 12:14

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމުގައިވާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދާ "މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް" މިއަދު ހެނދުނު ފެށިއްޖެއެވެ.

އެކުވެނި ކްރިކެޓް ގްރައުންޑުގައި މި އިވެންޓް ފަށްޓަވައި ދެއްވީ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އެވެ. އެގޮތުން މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރުގެ އިތުރުން ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް އާއި އުރީދޫގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި 19 ޓީމު ބައިވެރިވެފައި ވެއެވެ.

މައިގްރެންޓް ވޯކާސް އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކާނިވަލުގެ މަޤްސަދަކީ ބިދޭސީ މަސައްކަތްތެރިން ދިވެހި މުޖުތަމަޢުގެ ތެރޭގައި ބައިވެރިކުރެވޭ މިންވަރު އިތުރު ކުރުމާއިއެކު މަސައްކަތްތެރިންނަށް އެކިއެކި ގޮތްގޮތުން މަޢުލޫމާތު ފޯރުކޮށްދިީ ހޭލުންތެރިކަން އިތުރުކޮށް އަހުލުވެރި ކުރުވުމެވެ.

މިޝަން ފޯ މައިގްރެންޓް ވޯކާސް ޖަމިއްޔާއިން މަޢުލޫމާތު ދެއްވާ ގޮތުގައި ބިދޭސީ މަސައްކަތްތެރިންގެ އުދާސްތައް ފިލުވާލުމަށާއި، ކޮމިއުނިޓީ އާއި ގުޅުން ބަދަހި ކުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.

އެހެންކަމުން މިފަދަ ކާނިވަލެއްގެ ސަބަބުން އެފަދަ ކަންކަން ރަނގަޅުވެގެން ދާނެ ކަަަމަށް އެ ފަރާތުން ފާހަގަ ކުރައްވައެވެ.

މި މުބާރާތް  އެ ސަރަހައްދުގައި ފޯރިއާއެކު ފެށިގެން ކުރިއަށް ދާއިރު އެހެނިހެން އިތުރު ހަރަކާތްތައް ވެސް އެ ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ ސަރަހައްދުގައި ހެލްތް ސްކްރީނިންގް ހަރަކާތްތަކާއި ހިލޭ ލީގަލް އެޑްވައިސް ދިނުން ކުރިއަށް ގެންދާނެކަމުގައި މިޝަން ފޯ މައިގްރެންޓް ވޯކާސް އިން މަޢުލޫމާތު ދެއްވައެެވެ.

މިއީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން އިސްނަގައިގެން ކްރިކެޓް ބޯޑާއި އުރީދޫ އާއި ގުޅިގެން ކުރިއަށް ގެންދާ އިވެންޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް