ބަދަލުވާ ވަޔާއެކު އެނބުރޭ ވަހުތާނެއްހެން ދުވަހަކުވެސް މިސްރާބު އަނބުރައެއް ނުލެވޭނެ: ޣައްސާން

ބަދަލުވާ ވަޔާއެކު އެނބުރޭ ވަހުތާނެއްހެން ދުވަހަކުވެސް އަޅުގަނޑުގެ މިސްރާބު އަނބުރައެއް ނުލެވޭނެ ކަމަށް ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. ޣައްސާން މިހެން ވިދާޅުވެފައިވަނީ ކުރައްވާފައިވާ ޓްވީޓެއްގަ އ...

26 Nov 2021 | 09:41

ބަދަލުވާ ވަޔާއެކު އެނބުރޭ ވަހުތާނެއްހެން ދުވަހަކުވެސް އަޅުގަނޑުގެ މިސްރާބު އަނބުރައެއް ނުލެވޭނެ ކަމަށް ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވެފައިވަނީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

އެ ޓްވީޓުގައި ވިދާޅުވެފައިވަނީ "ބަދަލުވާ ވަޔާއެކު އެނބުރޭ ވަހުތާނެއްހެން ދުވަަހަކު ވެސް އަޅުގަނޑެއް މިސްރާބު އަނބުރައެއް، އިންޝާﷲ ނުލާނަން." އެވެ.

މީގެ އިތުރުން ބަހާއި ޢަމަލު ދިމާކޮށް އަބަދުވެސް ސާބިތު ކުރާނެ ކަަމަށާއި އިއްޔެ ވެސް މިއަދު ވެސް އަދި މާދަން ވެސް ހުންނަވާނީ ރައީސް ޔާމީނާ އެކުގައި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

https://twitter.com/mgmaumoon/status/1464094375001001989

ޣައްސާން މިހެން ވިދާޅުވެފައިވާ އިރު، އޭނާ ވަނީ އަންނަ އަންގާރަ ދުވަހު، ނުފޫޒު ފޯރުވުމާއި އަނިޔާވެރިކަމުގެ މިސްރާބު ބަދަލުވެ، ރައީސް ޔާމީން މިނިވަން ވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޣައްސާން ކުރިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އިންޝާﷲ ޓީވީގެ ޒަރިއްޔާއިން މުޅި ކޭސް ބައްލަވަމުން ގެންދެވި ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ކުށެއް ނުކުރައްވާކަން އޮތީ ސާބިތުވެފައި،” ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކޮށްފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން، މަނީލޯންޑާ ކުރިކަން ސާބިތުވެގެން، ފަސް އަހަރު ދުވަހަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުމަށް މިހާރުނިންމާފައިވަނީ މި މަހުގެ 30 ވާ އަންގާރަ ދުވަހު އެވެ.

ސުޕްރީމް ކޯޓުގައި ވަނީ އެ މައްސަލަ ތާވަލުކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 8:45 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ، ކުރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއީދު ކުރި މައްސަލަ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 18 ވަނަ ދުވަހު ބާއްވާފައިވާ އިރު، އެ ދުވަހުގެ ޝަރީއަތުގައި އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތެރެއިން ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކް ޑިޕޮސިޓް ސްލިޕުގައިވާ ނަންބަރާއި އެސްއޯއެފް ކުންފުނީގެ ބޭންކް ސްޓޭޓްމަންޓުގައިވާ ނަންބަރު ދިމާ ނުވާ މައްސަލަ ވަނީ އުފެދިފަ އެވެ.

އެދުވަހުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ އެއީ މައްސަލަ ބަލަމުން ދިޔައިރު، ފާހަގަވި ކަމަކާ ގުޅޭގޮތުން ބައެއް ކަންކަން ސާފުކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ބުނެފައިވަނީ ދައުލަތުން ބުނާ އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ބުނިނަމަވެސް ދައުލަތަށް އެކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

އެދުވަހުގެ އަޑުއެހުން ނިންމަވައިލައްވަމުން ފަނޑިޔާރު މަހާޒް ވިދާޅުވެފައި ވަނީ އަންނަ މަހު ސުޕްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން މައްސަލައިގައި ހުކުމް އިއްވަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް