ބޮލީވުޑް ބަތޮލާ، ޓީވީ ހޯސްޓް އަދި ޓްރެވަލް ވީލޮގާ ޝެނާޒް ޓްރެޒަރީ ދިވެހި ރަށްފުށު ދިރިއުޅުން މުޅި ދުނިޔެއަށް ދައްކުވައިދީ ތަފާތު ނަޒަރަކުން ރާއްޖެ އިސްތިހާރުކޯށްދީފިއެވެ.
ރާއްޖޭގެ ރަށެއްގައި ނަގާފައިވާ ވީޑިއޯ ފަށަމުން ޝެނާޒް ބުނެފައިވަނީ ރާއްޖޭގައި އެކަކުވެސް ގޭގެ ދޮރު ނުލައްޕާ ކަމަށެވެ. ގެތަކަށް ހަމަ ވަދެގެން ދާންވީ ކަމަށެވެ. ދޮރު ލައްޕަންޏާ ލައްޕާނީ "ޕްރައިވެޓް" ކަމެއް ކުރަން އެކަނި ކަމަށެވެ.
"މިތާކު ކްރައިމް ރޭޓެއް ނެތް، ވަރަށް ރައްކާތެރި މާހައުލެއް" ޝެނާޒްގެ ވީލޮގްގައި ބުނެފައިވެއެވެ.
އޭނާ ބުނެފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް އަބަދުވެސް ފެންނާނީ ރިސޯޓުތައް ކަމަށެވެ. ދިވެހިން ދިރިއުޅޭ ގޮތް ނުފެންނާނެ ކަމަށެވެ.
އެ ވީލޮގްގައި ޝެނާޒް ވަނީ ދެ ގެއަކަށް ވަދެ އެ ދެގޭގެ މާހައުލު ވަރަށް ފުރިހަމަކޮށް ދައްކުވައިދީފައެވެ.
ޝެނާޒް ފިލްމީ ދާއިރާއާއި މިހާރު ތަންކޮޅެއް ދުރުގައި އުޅުނު ނަމަވެސް 2003 ވަނަ އަހަރު ނިކުތް އިޝްކް ވިޝްކް، 2004 ވަނަ އަހަރު ނިކުތް ހަމް ތުމް، 2011 ވަނަ އަހަރު ނިކުތް ލަވް ކާ ދި އެންޑް އަދި ހަމަ އެ އަހަރު ނިކުތް ދެއްލީ ބެއްލީ ފަދަ ފިލްމުތަކަކީ ބެލުންތެރިންގެ މަގްބޫލުކަން ހޯދި ފިލްމު ތަކެކެވެ.
ޝެނާޒް މިހާރު ބޮޑަށް ފާހަގަކުރެވެނީ ޓްރެވެލް ވީލޮގާއެއްގެ ގޮތުގައެވެ. އެކަން އޭނާގެ އިންސްޓަގްރާމް އެކައުންޓުން އެނގިގެންދެއެވެ.
https://www.instagram.com/tv/B5J4GwAnPV5/?utm_source=ig_web_options_share_sheet
ރާއްޖޭގައި ޝެނާޒް ތައްޔާރުކޮށް ދޫކޮށްލާފައިވާ ވީލޮގް، އިންސްޓަގްރާމްގައި 77 ހާހަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. އިންސްޓަގްރާމްގައި އޭނާގެ ފޮލޯވާސްގެ އަދު އުޅެނީ ފަސް ލައްކައަށްވުރެ މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް