ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު ފިންލެންޑަށް ވަޑައިގަންނަވަނީ

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، މިމަހުގެ 27 އިން 29 އަށް ރަސްމީ ދަތުރުފުޅެއްގައި ފިންލެންޑަށް ވަޑައިގަންނަވާނެ ކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ މި ދަތުރުފު...

26 Nov 2019 | 08:06

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، މިމަހުގެ 27 އިން 29 އަށް ރަސްމީ ދަތުރުފުޅެއްގައި ފިންލެންޑަށް ވަޑައިގަންނަވާނެ ކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، ފިންލެންޑްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޕެއްކާ ހާވިސްޓޯއާއިއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިތުރު ދާއިރާތަކުން ގުޅުން ޤާއިމްކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

"ފިންލެންޑްގެ ފޮރިން މިނިސްޓަރުގެ އިތުރުން އެޤައުމުގެ އެޑިއުކޭޝަން މިނިސްޓަރ ލީ އެންޑަރސަންއާއި، ފިންލެންޑުގެ ބައެއް ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި، ތައުލީމީ އަދި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެއެވެ." މިނިސްޓްރީން ބުނެފައިވެއެވެ.

ފިންލެންޑަކީ މިހާރު ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމުން، ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ޔޫރަޕްގެ ޤައުމުތަކުން ނަގާ ޑިއުޓީ ކަނޑާލުމާއި ބެހޭ ގޮތުންނާއި، ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ވިސާއާއި ނުލައި ދަތުރުކުރެވޭނެ މަގުފަހިކުރުމާއި ބެހޭ ގޮތުން ފިންލެންޑްގެ އޮފިޝަލުންނާއިއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެ ކަމުގައި ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ފިންލެންޑާއި ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ވިޔަފާރި އުޞޫލުން ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަގައިވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް