އެރެއަށްފަހު- ތިރީސް ތިންވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... "ނަޒާން އަކީ ޖައިލަމްގެ ކަޒިންތަ؟" ޔަގީންކޮށްލުމުގެ ގޮތުން އަޝްރާ އަނެއްކާވެސް އަހައިލިއެވެ. ސުމާ ބޯ ޖަހައިލިއެވެ. އެވަގުތު އަޝްރާގެ ހިތް ދިޔައީ އިންތިހާޔަށް ތެޅެމުންނެވެ. ނަޒާނަ...

26 Nov 2019 | 05:04

ކުރީގެ އަދަދާ ގުޅޭ...

"ނަޒާން އަކީ ޖައިލަމްގެ ކަޒިންތަ؟" ޔަގީންކޮށްލުމުގެ ގޮތުން އަޝްރާ އަނެއްކާވެސް އަހައިލިއެވެ. ސުމާ ބޯ ޖަހައިލިއެވެ.

އެވަގުތު އަޝްރާގެ ހިތް ދިޔައީ އިންތިހާޔަށް ތެޅެމުންނެވެ. ނަޒާނަކީ ހަގީގަތުގައި ވެސް ޝައިލާގެ ލޯބިވެރިޔާ ހެއްޔެވެ؟

"ނުބުނެ އާދެވުނީމަ އެގުޅީ ކޮންތާކުތޯ ބަލަން" ފޯނު ބޭއްވުމަށްފަހު ޝައިލާ ބުނެލިއެވެ. އޭރުވެސް އަޝްރާ އިނީ ޝައިލާގެ މޫމަށް ކަޅިޖަހާނުލައި ބަލަހައްޓައިގެންނެވެ.

"ޝައިގެ ބިޓަކީ ނަޒާންތަ؟" އަޝްރާ އަނެއްކާ ވެސް އަހައިލިއެވެ.

"އާނ.. އަޝް ދަންނަންތަ ނަޒާން؟" ހީލަމުން ޝައިލާ އަހައިލިއެވެ.

"އަހާބަލަ ކާކުހޭ ނުދަންނަނީ؟ ޝައިއަށް އެކަންޏެއްނު ނޭންގެނީ..." ދެބުމަ ކައިރިކޮށްލަމުން އަޝްރާ ބުނެލިއެވެ. ޝައިލާ އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އަޝްރާ އިތުރު އެއްޗެއް ބުނަން އުޅުނު ވަގުތު އޭނާގެ ދަރިފުޅު އީން ރޯން ފަށައިފިއެވެ.

އޭގެ ފަހުން އިތުރު ވާހަކައެއް ދެއްކުމުގެ ފުރުސަތެއް ނުލިބުނެވެ. އަޝްރާ ދެން ދެއްކީ އީންގެ ވާހަކަތަކެވެ. ސުމާ އަޝްރާ އާއި ބައިވެރިވެގެން އީންގެ އެތައް ވާހަކައެއް ދެއްކިއިރު ޝައިލާ އިނީ ބޯން އިން ޖޫސްތައްޓަށް ބަލަހައްޓައިގެން ހިޔާލަކަށް ގެއްލިފައެވެ. ޝައިލާ އަށް އެކަނި ނަޒާން ނޭންގޭނެއޭ އަޝްރާ އެބުނި ސަބަބު އޭނާ ހޯދަން ބޭނުމެވެ.

"ދަނީއޭ ބަންގި ގޮވުމުގެ ކުރިން ގެއަށް ވަންނަން ޖެހޭނެއެއްނު... މިރޭ އީން ނިދީމަ ތިގެއަށް ދާނަން އިނގޭ... މިކުޑަކުޑަ ކުއްޖާއާ ހެދި ވާހަކައެއް ވެސް ނުދެއްކުނޭ ދޯ" އީންގެ ކޮލުން ވަސްބަލައިލަމުން އަޝްރާ ބުނެލިއެވެ. އަދި އަވަހަށް ދާން ހިނގައިގަތެވެ. އޭގެ ފަހުން ސުމާ އަދި ޝައިލާ ވެސް ގެއަށް ހިނގައްޖެ އެވެ.

***

"މިހާރު ދެން ކިހާ ދުވަހެއް ވެއްޖެތަ މިހެން މަޑުން ތިބޭތާ؟ ސިމައްޓެ ކައެ ދެން ކަމެއްކުރަން ވެއްޖެ އެއްނު..." ސިނގިރޭޓެއް ރޯކޮށްލަމުން އިމާދު ބުނެލިއެވެ. ހަމްދާން އިނީ ގުޑުގުޑާ ދަމަން ސޯފާގައެވެ.

"މަރާލަންވީ ބަކަރި!!!" ކައިރީ އޮތް ބާލީސް މުށިތަކު މައްޗަށް އެއްލައިލަމުން ހަމްދާން ބުނެލިއެވެ.

"އެމަންޖެއަށް ކަމެއް ކުރާހިތްވަނީ... އޭރަށް ނަޒާން ސައިޒު ވާނީ" އިމާދު ވެސް ފޯރީގައި ބުނެލިއެވެ.

"ހަމަޖެހެބެ... އަދި އެއްފަހަރު ނަޒޭ ގެނެސް ވާހަކަ ދައްކާފަ އެއްބަސް ނުވެއްޖިއްޔާ އެތަނުން އެތަނަށް ތަޅާ ތިރިކޮށްލާނީ..." ވިސްނަން ހުރުމަށްފަހު އެންމެފަހުން ސިމައްޓެ ބުނެލިއެވެ.

"މަ ބޭނުމީ މިހާރުން މިހާރަށް އެގޮލާގެ ދުވަސް ދުއްވާލަން... ވިސްނާލަބަލަ ފަސް އަހަރު... ފަސް އަހަރު ގޮޅީގަ ތިބެފައޭ މިނިކުތީ... އެގޮލާ ސަލާމަތްކޮށްދިނީމަވެސް ފުއްޕާލާފަ ހުރިވަރު.. ސިމައްޓެ ނެތް ނަމަ ހުވާ ދުއްވާލީމުސް" ކުރިމަތީ ހުރި ގޮނޑި މައްޗަށް ފައި ނަގަމުން ހަމްދާން ބުނެލިއެވެ. ސިމައްޓެ އިނީ އެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑުއަހާށެވެ.

"އަދި ނެތެއްނު ކަމެއް ނުވެފައެއް" މިހެން ބުނުމަށްފަހު ސިމައްޓެ ނިކުމެގެން ދިޔައީ އެވެ.

" ނަޒޭދެކެ ހިތާވެގެންތަ އޭނަ ކޮޅަށް އެހުންނަނީ؟ މިހުރިހާ ކަމެއްވެސް މިވީ ޝައިލާ ކިޔާ މަންޖެއާ ހެދި... ހިނގާ އަނެއްކާ ރޭޕްކޮށްފަ ކޮޅަށްވެސް ނުހުރެވޭވަރު ކޮށްލަން... އޭރުން ހުންނާނީ ރާކަނިމަސް ކެވިފަ!!" ދެވަނަ ސިނގިރެޓް ރޯކޮށްލުމަށްފަހު އިމާދު ބުނެލިއެވެ. ހަމްދާން ވެސް ބާރު ހިނިގަނޑެއް ޖަހައިލުމަށްފަހު އެކަމާ އެއްބަސްވިއެވެ.

***

އެރޭ ގެއަށް އަޝްރާ އަންނާނެ ވާހަކަ ބުނުމުން ނަޒާންގެ ގެއަށް ދާން ޝައިލާ އިންކާރު ކުރިއެވެ. އެކަމާ ނަޒާން ވެސް ވަރަށް ފަސޭހައިން އެއްބަސްވި އެވެ. ނަމަވެސް އަޝްރާ އައުމުގެ ކުރިން ޝައިލާ ދިޔައީ ޝާއިރާ އެދުމުން އޭނާ އާއި އެކީ ފިހާރައަކަށެވެ.

އަޝްރާއަށް އެގެއަށް އާދެވުނީ ޝައިލާ ބޭރަށް ދިޔަތާ ގަޑިއިރެއް ފަހުންނެވެ. ޝައިލާ ފެންނާން ނެތުމުން އޭނާ ދިޔައީ ސުމާ އާއި އެކީ ތެރެސް އަށެވެ.

"މިތަން މަތިން ހާދަ މިސްވެޔޭ... އޮފީސް ނިންމާފަ އަހަރެމެން މިތާ ހާދަ އިރަކު އަނގަތަޅަން ތިބެމޭ..." ކުރީގެ ހަނދާން އާކޮށްލަމުން އަޝްރާ ބުނެލިއެވެ.

"ނަޒާން އަކީ ކާކުތަ؟" ސުމާ ދެން އަހައިލި ޖުމްލައިން އަޝްރާގެ ހަރަކާތް ހުއްޓުނެވެ. ނަޒާންގެ ނަމާއި ފޮޓޯ ފެނުމުން އަޝްރާގެ މޫނު މައްޗަށް އެރި ކުލަވަރާއި ދެއްކި ވާހަކައިން ކޮންމެވެސް ނުބައެއް އުޅޭހެން އޭނާއަށް ވެސް ހީވިއެވެ. އޭނާ ބޭނުންވަނީ އެކަން އޮޅުންފިލުވާށެވެ.

"އެވާހަކަ ދައްކަން މިއައީ ވެސް... މިގޭ ހަމަ އެކަކަށްވެސް ނަޒާނެއް ނޭންގޭތަ؟" އަޝްރާ އަނެއްކާވެސް އަހައިލިއެވެ.

"އާނ އަހަރެންވެސް އުޅުނީ މެލޭގަ... އެހެންވެ ނޭންގެ... އަނެއްކާ މިނިސްޓަރެއްގެ ދަރިއެއްތަ؟ މަޝްހޫރު މީހެއްގެ ދަރިއެއްތަ؟ އަޑުއެހިން ނަޒާން ބައްޕަ އަކީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގެ ބޮޑު މީހެކޭވެސް" ސުމާގެ ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ. ހަގީގަތުގައި ނަޒާންގެ މާބޮޑު ވާހަކަތަކެއް ސުމާއަކަށް ވެސް އަދި ޝައިލާއަކަށް ވެސް ނޭންގެ އެވެ.

އަޝްރާގެ ފޯނު ނަގައި އެއްޗެއް ހޯދައިލުމަށްފަހު ސުމާ އަށް ފޮޓޯއެއް ދައްކައިލިއެވެ. އެއީ ހަތަރު މީހުންގެ ފޮޓޯއެކެވެ. އެ ފޮޓޯއިން ސުމާއަށް ސިހުމެއް ލިބިގެން ދިޔައެވެ.

"މީ... މީ ޝައިގެ ރޭޕް ކޭސްގަ ހައްޔަރުކުރި މީހެއް ދޯ؟" މެދުގައި ހުރި ސިމައްޓެ ދައްކައިލަމުން ސުމާ ބުނެލިއެވެ. އެއީ ވަރަށް ދުރު ހަނދާނެކެވެ. އެމީހުންގެ ފޮޓޯ ސުމާއަށް ފެނިފައި ވަނީ މީގެ އަހަރުތަކެއް ކުރިންނެވެ.

"މީ ކާކު؟" ކަނާތްފަރާތުގައި އިސްތަށިގަނޑު ދިގުކޮށްހުރި މީހާ ދައްކައިލަމުން އަޝްރާ އަހައިލިއެވެ. ސުމާ އެފޮޓޯ ޒޫމްކޮށްލާފައި އެމީހާގެ މޫނަށް ބަލައިލިއެވެ.

"މީ ނަޒާންތަ؟" ސުމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަޝްރާ ބޯޖަހައިލިއެވެ. ސުމާ އެއަށްފަހު ފަހަރަކު މީހެއްގެ މޫނަށް ޒޫމްކޮށްގެން ބެލިއެވެ.

"މިހާރު ވިސްނިއްޖެތަ؟" އަޝްރާ އަހައިލިއެވެ. ސުމާ އޭރުވެސް ހުރީ އެފޮޓޯއަށް ބަލަހައްޓައިގެން އަނގަ ހުޅުވިފައެވެ.

"އެކަމަކު ނަޒާނަކީ ރަގަޅު މީހެއް... ޝައިދެކެ އެހާ ލޯބިވޭ... ކިހިނެއް... ކިހިނެއް... މިވެދާނެ ނަޒާންއާ ވައްތަރީ ކަމަށް" ސުމާ އެވާހަކަ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

"ސުމާ އަހަރެމެންގެ ޝައިލާ އެވަނީ އޭނާގެ ހުރިހާ އުންމީދަކާއި ހުވަފެނެއް ނޮޅާ ކުދިކުދިކޮށްލި މީހެއްގެ އަތް ދަށުވެފަ... ޝައިލާ ސަލާމަތް ކުރެވޭނީ މިހާރު އުޅެގެން..." ސުމާގެ އަތުގައި ހިފައިލަމުން އަޝްރާ ބުނެލިއެވެ.

"އަހަރެން ނަޒާނަށް ޓްރަސްޓް ކުރަން... ނަޒާން އަކީ ހަތަރުވަނަ މީހާއެއް ނޫން" ބޯ ހޫރައިލަމުން ސުމާ ބުނެލިއެވެ. އޭނާގެ ލޯ މިހާރު އެވަނީ ފެންކަޅިވެފައެވެ.

"ހަތަރުވަނަ މީހަކީ ނަޒޭއޭ އެއީ އެދުވަސްކޮޅު އެންމެ ގަދައަށް ދެކެވުނު ވާހަކަ... ތިމީހުން މިކޮޅުގަ ނެތީމަ ނޭންގި އޮވެދާނެ... އެކަމަކު އެގޭންގް ދަންނަ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ... ކުރީގަ މިހަތަރު މީހުން އުޅޭނީ އެކީގަ... ނަޒޭ ފިލައިގެން ދިޔައީމަ ވާހަކަވެސް އޮބުނީ..." އަޝްރާ ފުންނޭވާއެއް ދޫކޮށްލިއެވެ.

"ނަޒާން ފިލައިގެން ދިޔަތަނެއް ނޭންގެ... އޭގެ ފަހުން އެމީހުންގެ މުޅި ގޭންގް ގެއްލިއްޖެ... އެކަމަކު މިހާރު އަނެއްކާ އެކަންމަތީގަ ގުރޫޕުގަނޑު އޮވޭ... އަޑުއެހިން އެމީހުން ޖަލުން ދޫކޮށްލައިފިޔޭ... ސިމައްޓެ ބައްޕަ އަކީ އަހަރެންގެ މަންމަގެ އެކުވެރިއެއް... އެގޮތުން އަހަންނަށް އެނގުނީ ސިމައްޓެ ބައްޕަ ވަރަށް ބައިވަރު ލާރި އަޅައިގެންކަން އެމީހުން އެނެރުނީ... އަހަރެންވެސް ބޭނުމެއް ނޫން ގަބޫލު ކުރާކަށް... ނޭންގި ނަމަވެސް ޝައިއަށް އެކުރެވުނީ މިދުނިޔޭގަ ކުރެވޭނެ އެންމެ ބޮޑު މިސްޓޭކް... އޭނާގެ މުޅި ދިރިއުޅުން ހަލާކުކޮށްލި މީހުންގެ ތެރެއިން ދުނިޔެއަށް ފޮރުވިގެން އުޅޭ މީހާދެކެ އޭނާއަށް އެލޯބިވެވުނީ..." އަޝްރާގެ އަޑު ބެދިއްޖެ އެވެ. މިއަދު ހަވީރު ގެއަށް ދިޔައީއްސުރޭ އޭނާ ދިޔައީ މިވާހަކަ ކިޔައިދޭނެ ގޮތަކާއިމެދު ވިސްނަމުންނެވެ. ގަބޫލުކުރަން ބޭނުންނުވި ނަމަވެސް ހަގީގަތަކީ މީކަން އޭނާ ގަބޫލުކުރެއެވެ.

"އެކަމަކު ނަޒާން ކީއްވެގެންތަ؟ ނަޒާން އަކީ ރަގަޅު މީހެކޭ... އިނގޭތަ ޝައިއަށް ޑިޕްރެޝަންއިން ވެސް އަރައިގަނެވުނީ ނަޒާންގެ އެހީއާ އެކުއޭ... އޯމައިގޯޑް ސުމް ބޭނުމެއް ނޫން އަނެއްކާ ޝައި ބަލިވާކަށް... އަޝް އަހަރެން ދެން ކިހިނެއް ހަދާނީ؟ އެމީހުން ގުޅުވަން ވެސް ހުރިހާ މަސައްކަތެއް ކުރީ އަހަރެންނޭ..." ސުމާއަށް ރޮވިއްޖެ އެވެ. އޭނާ ރޯމަންޒަރު އަޝްރާއަށް ފޮވުމުގެ ގޮތުން ސުމާ އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސިޑި ކައިރީ އެމީހުންގެ ވާހަކަ އަޑުއަހަން ހުރި ޝައިލާ ފެނުމުންނެވެ.

"ޝައި" ސުމާގެ އަޑަށް އަޝްރާވެސް ފަހަތް ބަލައިލިއެވެ. ޝައިލާގެ މުޅި މޫނުމަތި ވަނީ ރަތްވެފައެވެ. އޭނާ ހުރީ ޖަހާފައި ހުރި ބުދެއް ފަދައިން އެދެމީހުންނަށް ބަލާށެވެ.

"ޝައި އަޑު..." އަޝްރާ އެއްޗެއް ބުނަންވާއިރަށް ޝައިލާ ދުވެލާފައި ސިޑިން ފައިބައިގެން ތިރިއަށް ދުއްވައިގަތެވެ. ސުމާ އަދި އަޝްރާ ވެސް ޝައިލާ ފަހަތުން ދުއްވައިގަތެވެ.

ފައިވާނަށްވެސް ނާރައި ޝައިލާ މާލޭގެ ކާރޫބާރޫ ބޮޑެތި މަގުތަކުގައި މީހުން ގައިގައި ކޭއްތެމުން ފެއްސެމުން ދުވަމުން ދިޔައެވެ. ފަހަތުން އަޝްރާ އަދި ސުމާވެސް ދިޔައީ ޝައިލާ ފަހަތުން ދުވަމުންނެވެ. މަގުމަތީގައި ދުއްވާފައި ދިޔަ މީހުން އަދި ހިނގަމުން ދިޔަ މީހުންގެ ލޯތައް އެމީހުންނަށް އަމާޒުވަމުން ދިޔައެވެ.

ފަޔަށް ބާރުލާފައި ދުވަމުންދިޔަ ޝައިލާ މަޑުކޮށްލީ ނަޒާން ދިރިއުޅޭ ގޭގެ ދޮރުމަތިގައެވެ. އެގެއަށް ބަލައިލުމަށްފަހު ޝައިލާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ނަމަވެސް މީގެ އިރުކޮޅެއް ކުރިން އިވުނު ވާހަކަތަކުން ނަޒާންގެ ކުރިމައްޗަށް ދާން ބިރުގަތެވެ. މާނޭވާ ލެވެމުންދިޔައިރު އޭނާގެ ލޮލުން ދިޔައީ ހުއްޓުމެއްނެތި ކަރުނަ އަންނަމުންނެވެ. އެވަގުތު ސުމާ އަދި އަޝްރާ ވެސް ޝައިލާ އާއި އަރާ ހަމަކޮށްފިއެވެ.

"ހެއި އެންޖެލް" ތިން މީހުން ސިހުނީ ދާދި ކައިރިން ބަރު ފިރިހެން އަޑެއް އިވުމުންނެވެ. ތިން މީހުން އެކީ ފަހަތް ބަލައިލި ވަގުތު ޝައިލާ އަދި އަޝްރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވާނުވާގައި ހުރީ ސުމާ އެކަންޏެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް