ރައީސް ނަޝީދަށް އެމްޑީޕީ އިންތިޚާބުގައި ވޯޓް މަދުން ލިބުނު ސަބަބުތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ލަފާކުރި ވަރަށްވުރެ މާބޮޑަށް ދަށުން ވޯޓް ލިބުމުން އެކަމާއިގުޅޭ ބަހުސްތައް ދަ...

26 Nov 2019 | 04:58

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ލަފާކުރި ވަރަށްވުރެ މާބޮޑަށް ދަށުން ވޯޓް ލިބުމުން އެކަމާއިގުޅޭ ބަހުސްތައް ދަނީ ކުރެވެމުންނެވެ. އެމްޑީޕީން އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައި ވަނީ 24،202 ވޯޓެވެ. އެމްޑީޕީގައި ވޯޓް ހައްގުވާ 87،439 މީހުން އެބަތިބި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ދީނާ ބީރައްޓެހި ވާހަކަތައް މާ ބޮޑުތަނުން ގިނަވުން

ރައީސް ނަޝީދުގެ ދީނީ އަގީދާ އާއި ދޭތެރޭ އެއްވެސް ސުވާލެއް ޝައްކެއް އުފައްދާކަން ނެތީމެވެ. އެހެނަސް ސިޔާސީ އެއްވެސް ލީޑަރަކު ދީނާއި ބީރައްޓެހި ވާހަކަ ނުދައްކާ ވަރަށް ރައީސް ނަޝީދު ވަނީ އެފަދަ ވާހަކަތައް ދައްކަވާފައެވެ. އަދި މިހާރުވެސް ގެންދަވަނީ ދައްކަވަމުންނެވެ. އެމްޑީޕީ މެމްބަރުގެ ތެރެއިން ބައެއް މެމްބަރުން މިކަމާ ވަރަށް ބޮޑަށް ނުރެހޭކަން އެމީހުން ވަނީ މިފަހަރުގެ ވޯޓުން ދައްކާފައެވެ. އަދި މިކަމާއި ގުޅުވައިގެން ރައީސް ނަޝީދަށް ފާޑުކިޔުމަށްފަހު އެކި ލިޔުންތައް ލިޔެފައި ހުރި ވޯޓް ކަރުދާސްތައް މިފަހަރު ހުރިކަމަށް ޚަބަރުލިބެއެވެ. މީހަކު އޮޅިގެން ދީނާއި ބީރައްޓެހި ވާހަކައެއް ދައްކަފާނެއެވެ. އެހެނަސް އަބަދު ދީނާއި ބީރައްޓެހި ވާހަކަތައް ދައްކާނަމަ އެއީ އޮޅިގެން ކަމަށް އެމްޑީޕީގެ މެމްބަރުންވެސް އަދި ދިވެހި ރައްޔިތުންވެސް ގަބޫލެއް ނުކުރާނެއެވެ. މި ރާއްޖޭގެ ވެރިކަން ކުރުމުގެ އުންމީދު ރައީސް ނަޝީދު އަދިވެސް ކުރާނަމަ މިއީ އެމަނިކުފާނު ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެކެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ކޯޅުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާއި ދެމެދު ޚިޔާލު ތަފާތުވުންތައް އެބައުޅޭކަން އާއްމުންނާއި ހިސާބަށް މިހާރު ވަނީ ތިލަވެފައެވެ. ދެ މީހުންގެ މީޑިއާގަ އަދި އެކި އެކި ރަސްމިއްޔާތުތަކުގައި ދައްކާ ވާހަކައިން އެކަން ވަނީ ވަރަށް ސާފުކޮށް އެނގިފައެވެ. އެމްޑީޕީގެ ތެރޭގައި ވެސް މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. މި ކަމުގެ ސަބަބުންވެސް ރައީސް ނަޝީދަށް ލިބުނު ވޯޓް ވަނީ ދަށްވެފައެވެ.

ޑިމޮކްރަސީ އާއި ބީރައްޓެހި ކަންތައް ކުރެއްވުން

އެމްޑީޕީ އަކީ އަބަދުވެސް ޑިމޮކްރަސީ އަށް ވަކާލާތުކުރާ ޕާޓީއެކެވެ. އުނިކަންތައްތަކެއް ހުއްޓަސް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިނގާ ފުރިހަމަ ޕާޓީއެވެ. ކޮރަޕްޝަނަށް ދެކޮޅަށް މަސައްކަތްކުރާ ޕާޓީއެކެވެ. މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވާ އެމްޑީޕީގެ އިންތީޚާބާ ދިމާކޮށް މަޖިލީހުގެ ރައީސް އަތޮޅުތެރެއަށް 'ރަސްމީ' ދަތުރުތަކެއް ކުރެއްވުމަކީ ސުވާލު އުފެދުނު ކަމެކެވެ. ރައީސް ނަޝީދު ފަދަ ކޮރަޕްޝަނާއި ނާޖާއިޒް ފައިދާ ނެގުމާއި ދެކޮޅަށް ވަކާލާތު ކުރައްވާ ލީޑަރެއްގެ ފަރާތުން ފެންނަށް ބޭނުންނުވި މަންޒަރެކެވެ. މީގެ އިތުރުން ވެސް ޑިމޮކްރެޓިކް ލީޑަރެއްގެ ފަރާތުން ފެންނަންނުޖެހޭ ފަދަ މަންޒަރުތައް މަޖިލިސް ހިންގެވުމުގައި ވެސް ފެނުމަކީ ރައީސް ނަޝީދުގެ ތާއީދު ދަށްވަމުން އަންނަކަމުގެ ނިޝާނެކެވެ.

ކުރިން ހުރި ކެރުންތެރެރިކަމާއި ފޯރި ނެތުން

ރައީސް ނަޝީދަކީ އެއް ޒަމާނެއްގައި ރާއްޖޭގެ މަންޑޭލާ އެވެ. ދަގަނޑު ދަހަނާއަކަށް މިރުސް ދުމަށް ނުގުޑާ ލީޑަރެކެވެ. އެހެނަސް ރައީސް ޔާމިން ސަރުކާރުގައި ކޯޓުން ކުރި ހުކުމަކަށް އެމަނިކުފާނު ޖަލަށް ލުމުން ބޭސްފަރުވާއަށްކަމަށް ވިދާޅުވެ ރާއްޖޭން ބޭރަށް ވަޑައިގެން ދިވެހި ސަރުކާރަށް 'ފިއްލެވުމަކީ' އެމަނިކުފާނަށް ތާއީދުކުރާ ޒުވާނުންގެ ތެރެއިން ބައެއް މީހުންނަށް އެހާ ސަޅި ކަމަކަށްނުވިއެވެ. ޖަލުގައި ދުވަސްތައް ހޭދަކުރައްވަން ކެރިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ ހެއްދެވި ގޮތުންނެވެ. ދައްކާ ވާހަކަ އާއި އަމަލާއި ދިމާނުވުމަކީ ތާއީދު ގެއްލޭނެ ކަމެކެވެ.

އަބަދު ރާއްޖޭގެ ރައްޔިތުންނަށް ދަޅަ ދެއްކޭނެ ކަމަށް އެއްވެސް ސިޔާސީ ލީޑަރަކު ހީފުޅު ކުރެއްވުމަކީ ކުށް ހީއެކެވެ. ދިވެހިން ދަނީ ޑިމޮކްރަސީ އަށް ފަރިތަވަމުން ފައްކާވަމުންނެވެ. ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި ކުޅޭނަމަ އެ ލީޑަރެއްގެ ސިޔާސީ ހަޔާތް ދާނީ އަދިރިވަމުން ބަނަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް