ގދ. ހޯޑެއްދޫ ހުޅަނގު އުތުރުން އޮންނަ ކުޅިތައް ނޭޗާ ޕާކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހޯޑެއްދޫ ކައުންސިލާއި ހުވަދޫ އެއިޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ހުވަދޫ އެއިޑުން މަޢުލޫމާތުދޭ ގޮތުގައި މި މަޝްރޫޢުގެ ދަށުން 1،392 ފޫޓު ދިގުމިނުގެ ބޯޑް ވޯކާއި އެގާރަ ވިޔުއިން ޕްލެޓްފޯމްސް ކައުންސިލް އިން ފާސްކޮށްފައިވާ ކުރެހުމާއި އެއްގޮތަށް ތަރައްޤީކޮށް އެ ސަރަަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހުޅުވާލުން ހިމެނެއެވެ.
މީގެ އިތުރުން ތިން ކެނޯ އަދި ތިން ޕެޑަލް ބޯޓް ބާއްވައި އާންމުންނަށް ބޭނުންކުރެވޭ ގޮަތަށް ނޭޗަރ ޕާކް ސަަރަހައްދު ތަރައްގީ ކުރުން ހިމެނެއެވެ. މި މަޝްރޫޢު ހިންގާ ސަރަހައްދު އާރޯ ކޮށް، ގަސް މަރުވެފައިވާ ސަރަހައްދުގެ 90 އިންސައްތަ ފެހި ކުރުމާއި، ކުޅީގައި ހެދޭ އެކި ވައްތަރުގެ ގަސް ހިމެނޭހެން 2000 ގަސް އިންދައި އެ ސަރަހައްދު ސާފު ކޮށް ޗަަކަ ނަގަންޖެހޭ ސަރަހައްދުތަކުގެ ޗަކަ ނެގުން ހިމެނެއެވެ.
ހުވަދޫ އެއިޑް އިން އިތުރަށް ބުނި ގޮތުގައި ކުޅިތައް ހިމާޔަތް ކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ޓަކައި މީހުން ހޭލުންތެރިކުރުމުގެ ގޮތުން ރަށުގެ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ދެ ތަމްރީން ޕްރޮގްރާމް ހިންގޭނެއެވެ. ހަމަ އެއާއެކު ކުޅިތަކުގެ މުހިންމު ކަމާއިމެދު ރައްޔިތުން ހޭލުންތެރި ކޮށް ކުޅި ހިމާޔަތް ކޮށް ބެލެހެއްޓުމަށް ޓަކައި ރަށު ތަރައްޤީގެ ޕްލޭންގައި ހިމެނުމާއި އެކަމަށް ބޭނުންވާ ޤަވާއިދުތައް ހަދައި ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިވެދިނުން ހިމެނެއެވެ.
މިއީ ހޯޑެއްދޫ ކައުންސިލުން ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް ހުވަދޫ އެއިޑް އިން އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ހިންގުމަށް ރާވާފައިވާ މަޝްރޫޢުއެކެވެ. މި އެއްބަސްވުމުގެ ދަށުން އެތަން ތަރައްޤީކުރުމަށް ތިން އަހަރާއެކު އިތުރު ފަސް އަހަރު ވަންދެން އެތަން ހިންގާ ބަލަހައްޓާނީ ހުވަދޫ އެއިޑުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް