މިސްރުގައި އިއުލާނުކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު ހަތަރު އަހަރު ފަހުން އުވާލިކަން އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ އިއުލާނު ކުރައްވައިފި އެވެ.
މިސްރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހު ކްރިސްޓިއަން ދީނުގެ ދެ ފައްޅިއަކަށް އައިސް ޖަމާއަތުން ދިން ބޮމުގެ ހަމަލާތަކަކާއި ގުޅިގެންނެވެ. އެ ހަމަލާތަކުގައި 40 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައިވެ އެވެ.
މިސްރުގެ ރައީސް ސީސީ ފޭސްބުކްގައި ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްތަދު އިތުރު ނުކޮޮށް އެ ހާލަތު އުވާލަން ނިންމާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ރައްޔިތުންނާއި ވަފާތެރި އޮފިޝަލުންގެ މަސައްކަތާ އެކު މިސްރު އެ ސަރަހައްދުގައި ސަލާމަތާއި ހަމަޖެހުން އޮތް ތަނަކަށް ވެފައިވާތީ ކަމަށެވެ.
މިސްރުގެ ގާނޫނު ބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮންނަ މުއްދަތުގައި ކޯޓު އަމުރު ނެތި ގޭގެއަށް ވަދެ މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ. އަދި ހިޔާލުފާޅު ކުމުގެ ހައްގު ނުދިނުމާއި އާންމު ތަންތަނަށް އެއްވުން މަނާ ކުރެވެ އެވެ.
އައިއެސްއިން އެންމެ ބޮޑަށް ހަމަލާދެނީ މިސްރުގެ އުތުރު ސައިނާ ޕެނިންސޫލާ ސަރަހައްދުގަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮތް އިރުވެސް މަދުން ނަމަވެސް އެ ސަރަހައްދަށް އެ ޖަމާއަތުގެ ކުދި ކުދި ހަމަލާތައް އަމާޒުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް