ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ. މާފުށީ ޖަލަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި އެވެ.
މިއީ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2021 އޮކްޓޫބަރު 25 އިން 29 އަށް ކުރަމުންދާ ޒިޔާރަތެކެވެ.
މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، މާފުށީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުގައި ފަރުވާގައިތިބޭ ފަރާތްތަކާދޭތެރޭ ޢަމަލުކުރަމުންދާގޮތާއި އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމެވެ. އަދި މާފުށީ ޖަލުގައި ބަންދުގައިތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.
މީގެ އިތުރުން މާފުށީ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ދެނެގަތުމާއި މާފުށީ ޖަލުގެ މާއްދީ ޙާލަތާއި ޢާއްމުޙާލަތު ދެނެގަތުމަކީ ވެސް މަގުސަދެކެވެ.
މާފުށީ ޖަލަށް ކުރާ ޒިޔާރަތުގައި ފާހަގަކުރެވޭ ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް މާފުށީ ޖަލަށް ހަވާލުކޮށް، މި ޒިޔާރަތުގެމައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓު ކޮމިޝަނުން ފާސްވުމުން މާފުށީ ޖަލާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ޙިއްޞާކުރުމަށްވަނީ ހަމަޖެހިފަ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއެކު ބައްދަލުވުމެއް ބާއްވައި ރިޕޯޓުގައިވާ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާޢިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މާފުށީ ޖަލަށް 2008 ން 2020 ވަނަ އަހަރާ ހަމައަށް ތަފާތު 11 ޒިޔާރަތް ކޮށްފައި ވެއެވެ.
އެގޮތުން، މޮނިޓަރިންގ، ފޮލޯއަޕް، ތީމެޓިކް އަދި ވަރޗުއަލް ޒިޔާރަތް މި ޖަލަށް ކޮށްފައި ވެއެވެ. ތަނުގެ ސިއްޙީ ޚިދުމަތްތަކަށްއަމާޒުކޮށްގެން ތީމެޓިކް 2 ޒިޔާރަތް 2013 ވަނަ އަހަރާ 2018 ވަނަ އަހަރު ކޮށްފައި ވެއެވެ.
އެންމެފަހުން މިޖަލަށް ކޮށްފައިވާ ޒިޔާރަތްތަކުގެ ތެރޭގައި 2019 ވަނަ އަހަރުގެ ނޮވެންބަރު 6 އަދި 7 ވަނަ ދުވަހު ކޮށްފައިވާ ޒިޔާރަތާއި އަދި 2020 ވަނަ އަހަރު ކޮށްފައިވާ ވަރޗުއަލް ޒިޔާރަތް ހިމެނެ އެވެ. މިޖަލަށް ކޮށްފައިވާ ޒިޔާރަތްތަކުގައި 175 ހުށަހެޅުން ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް މިހާތަނަށްވަނީ ހުށަހަޅާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް