ސ. ހުޅުމީދޫ ބަހާއުއްދީން މަގުހެދުމުގެ މަޝްރޫއު ނިންމާލައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދިޔަ އެމްޓީސީސީން ބުނީ އެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
ޕްލޭނިންގް މިނިސްޓްރީއިން އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 1 އޭޕްރީލް 2019 ގައެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 2.2 ކިލޯ މީޓަރު ދިގު 8.8 މީޓަރު ފުޅާ މި މަގުގައި ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 6060 އަކަމީޓަރުގެ ހިނގާ ސަރަހައްދެއް ޤާއިމުކޮށް، ފެންހިންދާ ނިޒާމެއް ޤާއިމު ކޮށްފައިވާ ކަމަށް ބުނެ އެވެ.
މި މަޝްރޫއުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމާއި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ކަފިހި ހުރަސް ފާހަގަ ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި އަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 17 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ.
މި މަޝްރޫއު އަކީ41.8 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް