ޖަޕާނުގެ ޕްރިންސަސް މަކޯ، ކޮލެޖު ލޯބިވެރިޔާ ކޭ ކެމޫރޯ އާއި ކައިވެނިކޮށްފި އެވެ.
މި ކައިވެނި ކުރުމާއި އެކު އޭނާއަށް ލިބިފައިވާ ޝާހީ ލަގަބު ކަމަށްވާ "ޕްރިންސަސް" ގެނަން ވަނީ އުނިވެފަ އެވެ. އަދި ޝާހީ ޒިންމާތަކުން ވަކިވެ މަކޯ ވަނީ ޝާހީ ގަނޑުވަރުންވެސް ނުކުންނަން ޖެހިފަ އެވެ.
ޖަޕާނުގެ ގާނޫނުތަކާއި ޝާހީ ގަވައިދުތައް ބުނާގޮތުން ޝާހީ އާއިލާގެ މެމްބަރަކަށް އާންމުންގެ މީހަކައި ކައިވެނި ނުކުރެވޭނެ އެވެ. މަކޯ، ލޯބިވެރިޔާ ކެމޫރޯ އާއި ކައިވެނި ކުރީ ހުރިހާ އިއްޒަތާއި ޝަރަފު އަދި ޝާހީ ލަގަބު ދޫކޮށްލުމަށް ފަހު އެވެ.
މިއަދު ކައިވެނި ކުރަން ހަމަޖެހިފައިވާތީ ރޭގެ ވަގުތެއްގައި މަކޯ ވަނީ ޝާހީ ގަނޑުވަރުން ނުކުމެވަޑައިގެންފަ އެވެ. އަދި މިއަދު ކައިވެނި ކުރުމާއި ހަމައަށް ހުރީ ޖަޕާންގެ ވެރިރަށް ޓޯކިޔޯގެ ހޮޓަލެއްގައި އެވެ.
މަކޯ އާއި ކެމޫރޯގެ ކައިވެނި ރެޖިސްޓްރީ ކުރީ ކޯޓަށް ގޮސްގެންނެވެ. މި ކައިވެންޏާއި ގުޅިގެން ޝާހީ އާއިލާތަކުގެ ކައިވެނި ތަކާއި ގުޅިގެން ބާއްވާ ބޮޑެތި ހަފްލާތަކެއް ނޯންނާނެ އެވެ.
ކައިވެންޏަށް ފަހު ދެމީހުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމޯރޯ ވަނީ ހުރިހާ ނޫސްވެރިންގެ ކުރިމަތީގައި އޭނާ މަކޯ ދެކެ ލޯބިވާ ކަމަށާއި މުޅި އުމުރުގައި ދިރިއުޅެން ބޭނުންވަނީ މަކޯ އާއި އެކުގަކަން އިއުލާނުކޮށްފަ އެވެ.
މި ބައްދަލުވުމުގައި މަކޯ ވަނީ ޖަޕާން ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ. މަކޯ ބުނީ އެދެމަފިރިންގެ ފަރާތުން ރައްޔިތުން ވިސްނާ ފިކުރުކުރަން ޖެހޭ ވަރުގެ ކަމެއް ކުރެވިފައިވާނަމަ އެކަމާ ހިތާމަ ކުރާ ކަމަށެވެ.
އަދި އެދެނީ ހިތްހަމަ ނުޖެހޭ މީހުން ދައްކާ ވާހަކަތައް އަޑު ނާހައި ކުރިޔަށް އޮތްތާ އެ ގުޅުމަށް ސަޕޯޓުކޮށްދިނުން ކަމަށް ބުންޏެވެ. ޖަޕާނުގެ 80 ޕަސެންޓަށްވުރެ ގިނަ ރައްޔިތުން މި ކައިވެންޏާއި ދެކޮޅެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކައިވެންޏަށް ފަހު ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި މުޅި ހޯލު އޮތީ ނޫސްވެރިން ގޮސް ފުރާލާފަ އެވެ. އެކަމަކު މަކޯ އާއި ކެމޫރޯއާއި ދެކޮޅު ސުވާލެއް ކޮށްފާނެތީ ދެމަފިރިން ޖަވާބު ދިނީ ބޭނުންވާ ފަސް ސުވާލަކަށެވެ.
ނޫސްވެރިންނަށް ޖެހުނީ މަކޯ އާއި ކެމޫރޯ އެތަނަށް ދިއުމުގެ ކުރިން ލިޔުމުން ސުވާލު ހުށަހަޅަންށެވެ. ނޫސްވެރިން ހުށަހަޅާފައި ހުރި ސުވާލުތަކުގެ ތެރޭގައި އެ ހޯލު ކުއްޔަށް ހިފީ ރައްޔިތުންގެ ޓެކްސް ފައިސާއިންތޯ ފަދަ ސުވާލުތަކަށް ޖަވާބުދީފައެއް ނުވެ އެވެ.
ކެމުރޯ ވަނީ އެދެމީހުންގެ ކައިވެންޏާއި މެދު އާންމުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމުގެ ތަފްސީލް ދީފަ އެވެ. ކެމޫރޯ ބުނީ އޭނާގެ މަންމަގެ ލޯބިވެރިޔާގެ އަތުން ނެގިކަމަށް ބުނާ ހުރިހާ ފައިސާއެއް މިހާރު އަނބުރާ ދައްކާފައިވާ ކަމަށެވެ.
2017 ވަނަ އަހަރު އެންގޭޖްވެ މިދިޔަ އަހަރު ކުރަން ހަމަޖެއްސި މި ކައިވެނި ފަސް ކުރަން ޖެހުނީވެސް މަންމަގެ ލޯބިވެރިޔާ ފެންމަތި ކުރި އެ މައްސަލައިގަ އެވެ.
މިއަދުގެ ކައިވެންޏާއި ދިމާކޮށް ޓޯކިޔޯގައި ވަނީ ކައިވެންޏާއި ދެކޮޅު މުޒާހަރާތަކެއް ބާއްވާފަ އެވެ. އެމީހުން ބުނަމުން ދަނީ ނަމުގައި ޝާހީ އާއިލާއިން ވަކިވިޔަސް މަކޯއަށް ރައްޔިތުންގެ ޓެކްސް ފައިސާ ނުލިބޭނެ ގޮތެއް ނުވާނެ ކަމަށެވެ.
އަދި ދެމަފިރިން ކައިވެންޏަށް ފަހު އެމެރިކާގެ ނިއުޔޯކަށް ދިރިއުޅުން ބަދަލު ކުރަން ނިންމުމުން އެތަނުގައި ދިރިއުޅުމުގެ ހަރަދު ޓެކްސް ފައިސާއިން ދައްކަން ނުޖެހޭނެތޯވެސް ސުވާލުކޮށްފައިވެ އެވެ. ގިނަ ބަޔަކު ގަބޫކު ކުރާ ގޮތުގައި ކެމޫރޯ އާއި ފައިސާގެ މައްސަލަތަކެއް ކުރިމަތިވެފައިވާތީ އޭނާ ވެގެންދާނީ ޝާހީ އާއިލާއަށް އެ ކައިވެންޏަށް ފަހު ޖެހޭ ބުރައަކަށް ކަމަށެވެ.
މަކޯގެ ކައިވެންޏަށް ޝާހީ އާއިލާއިން ދެކޮޅެއް ނުހަދަ އެވެ. ހަމައެކަނި އޮތް ކަނބޮޑުވުމަކީ ޖަޕާނުގެ ޝާހީ އާއިލާގެ ދަރިފަސްކޮޅު މަދުވުމެވެ. މިހާރު ޝާހީ އާއިލާގެ މެމްބަރުން ތިބި އަދަދަށް ބަލާއިރު ރަސްކަން ވާރުވަނީ މަކޯގެ ބައްޕާފުޅުގެ ފިރިހެން ދަރިންނެވެ. އެކަމަކު މަކޯ އާއި އެއްބަނޑު އެއްބަފާ ތިބީ އޭނާ އާއި އެކު އަންހެން ކޮއްކޮ އަކާއި ފިރިހެން ކޮއްކޮ އެވެ.
ފިރިހެން ކޮއްކޮގެ އުމުރުން ހަތް އަހަރު ކަމަށްވާތީ ބައްޕާފުޅު އަވަހާރަވިޔަސް ގާނޫނު ބުނާގޮތުން އަދި އޭނާއަށް ރަސްކަމާއި ހަވާލެއްނުވެވޭނެ އެވެ. އެހެންވެ ޖަޕާނުގައި ހިޔާލު ހޯދުމުގެ ވޯޓުތަކެއް ނަގަމުންދާއިރު ގިނަ ބަޔަކު ތާއީދު ކުރަމުންދަނީ އަންހެނުންނަށްވެސް ރަނިކަމަށް އިސްވެވޭނެ ގޮތް ހެދުމަށެވެ.
އޭރުން މިހާރު އުމުރުން 19 އަހަރުގެ މަކޯގެ ކޮއްކޮ ޕްރިންސަސް ކަކޯއަށް އެފުރުސަތު ލިބޭނެ އެވެ.
ކައިވެންޏަށް ފަހު މަކޯ ނިއުޔޯކަށް ދިރިއުޅުން ބަދަލު ކުރާތީ އޭނާ ވަނީ ޔުނިވާސިޓީ އޮފް ޓޯކިޔޯގައި އަދާ ކުރަމުންދިޔަ ރިސާޗާގެ މަގާމުން ވަކިވެފަ އެވެ. ކެމޫރޯ އަކީ ނިއުޔޯކުން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މީހެކެވެ.
ނިއުޔޯކަށް ބަދަލުވާން ނިންމީ އޭނާ އެތަނުގައި ވަޒީފާ ހަމަޖެހިފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް