ޔުނައިޓެޑްގެ ކޯޗުކަމުން ސޯލްޝެއާ ވަކިކުރި ނަމަވެސް ކޮންޓޭ އެ މަޤާމަށް ނުގެންނާނެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވާދަވެރި ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް ބަލިވެފައިވާއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އޮލެ ގަނަ...

26 Oct 2021 | 10:08

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވާދަވެރި ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް ބަލިވެފައިވާއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އޮލެ ގަނަ ސޯލްޝެއަރ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތައް މީޑިއާ ގައި ވަނީ ގަދަވެފައެވެ. އެގޮތުން ލިވަޕޫލް މެޗުގެ ދަށް ނަތީޖާތަކަށް ފަހު ސޯޝަލް މީޑިއާގައި ޔުނައިޓެޑްގެ ސަޕޯޓަރުން ވެސް އަންނަނީ ސޯލްޝެއާ ވަކިކުރަންޖެހޭ ކަމަށް ބުނެ ޝުއޫރު ފާޅުކުރަމުންނެވެ.

އެގޮތުން މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން ސޯލްޝެއާ ވަކިކުރުމާ މެދު ކްލަބްގެ ބޯޑުން ދަނީ ވިސްނަމުންނެވެ. އެހެން ނަމަވެސް ޔުނައިޓެޑުގެ ކޯޗުކަމުން ސޮލްޝެއަރ ވަކިކުރި ނަމަވެސް އެ މަގާމަށް އިޓިލާއަށް ނިސްބަތްވާ ކޮންޓޭ ނުގެންނާނެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ކްލަބްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި އަންނަ ހޮނިހިރު ދުވަހު ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގެ ކުރިން ސޯލްޝެއަރ މަގާމުން ވަކިކުރާނެއެވެ. ސޮލްޝެއަރ އަށް ފަހު ދެން ޔުނައިޓެޑުގެ ކޯޗުކަމަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައި ދިނުމަށްފަހު މިވަގުތު އެއްވެސް ޓީމަކާއި ހަވާލުނުވެ ހުސްކޮށް ހުރި ޒައިނުއްދީން ޒިދާންއެވެ.

2018 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާއި ސޮލްޝެއަރ ހަވާލުވީ އޭރު އެ މަގާމުގައި ހުރި ހޯސޭ މޮރީނިއޯ މަގާމުން ދުރުކުރުމަށް ފަހުގައެވެ. މޮރީނިއޯ ވެސް މަގާމުން ދުރުކުރީ ޔުނައިޓެޑުން ހޯދަމުން އައި ދައް ނަތީޖާތަކުގެ ސަބަބުންނެވެ.

މޮރީނިއޯ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން ވަކިކުރުމަށް ފަހު އެ މަގާމަށް ސޮލްޝެއަރ ހަމަޖެއްސީ ވަގުތީ އެއްބަސްވުމެއްގެ ދަށުން ތިން މަހުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް އެ ތިން މަސްދުވަހުގެ ތެރޭގައި ސޮލްޝެއަރ ގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން ހޯދަމުން އައި ރަނގަޅު ނަތީޖާތަކުގެ ސަބަބުން ޔުނައިޓެޑުން ނިންމީ އޭނާއަށް އިތުރު ތިން އަހަރުގެ އެއްބަސްވުމެއް ދޭށެވެ. އެގޮތުން ސޮލްޝެއަރ ގެ އެއްބަސްވުން 2024 ވަނަ އަހަރާއި ހަމައަށް އާކުރިއެވެ.

ސޮލްޝެއަރ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އަދި މީގެ އިތުރުންވެސް ޔުނައިޓެޑުން ހޯދަމުން އަންނަ ނަތީޖާތަށް ރަނގަޅު ނަމަ އިތުރު އެއް އަހަރަށް ސޮލްޝެއަރ އާއި އެކު އެއްބަސްވުން އާކުރުމަށް ވެސް ޔުނައިޓެޑުން ކުރިން ވަނީ ނިންމާފައެވެ. ނަމަވެސް ހާލަތު ގޯސްވެ އޭނާ އިތުރަށް ޔުނައިޓެޑްގެ ކޯޗުކަމުގައި ބަހައްޓައިގެން ރަނގަޅު ނަތީޖާތަކެއް ޔުނައިޓެޑަށް ނެރެވޭނެ ކަމަށް ނުބެލެވޭތީ މިހާރުން މިހާރަށް ވެސް މަގާމުން ވަކިކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް