ހިޔާ މަޝްރޫއު ފުރަތަމަ ހަވާލު ކުރީވެސް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަކަށް ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެެވެ.
އޭނާ މިހެން ވިދާޅުވީ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން އަގު ކަނޑައެޅުމުގައި ގަސްތުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން ނެވެ.
ސަލީމް ވިދާޅުވީ އޮޑިޓް ރިޕޯޓުން ސާފުކޮށް އެގެން އޮތް ގޮތުގައި މިމަޝްރޫއު ފުރަތަމަ ހަވާލު ކުރީވެސް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަކަށް ކަމަށެވެ.
" ތަނުގެ އިންޓަރެސްޓުގެ ގޮތުގައި އެތައް މިލިޔަނުން ފައިސާ ދައްކަންޖެހޭއިރު ތަން ނިންމައި ކުރީ ސަރުކާރުން ހަވާލުކުރީ ހަތަރު ފާރު. ރައްޔިތުން ހިޔާ ފްލެޓްތަށް ދިޔައީ ބޯހިޔާވަހިކަން ހޯދުމަށް. އެކަމަކު ހިޔާވަހިކަން ނުލިބޭ ތަނަށް އެތަން ވުމުން ރައްޔިތުންގެ ޝަކުވާ މިއަދު އިންތިއަށް އެބައޮތް." ސަލީމް ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކުގައި އަގު ކަނޑައަޅާފައިވާ ގޮތާއި އޮޑިޓް ރިޕޯޓުން ފެންނަން އޮތް ތަފްސީލްތަކަށް ބައްލަވާލައްވާ ސަލީމް ވިދާޅުވީ މި ރިޕޯޓުން ރައްޔިތުންނަށް ސާފުވަނީ މިއީ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ހޯދައިދިނުމުގެ ނަމުގައި ވެފައިވާ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކުރީގެ ސަރުކާރުން ހިޔާ ހައުސިންގ ޔުނިޓަކަށް ކަނޑައަޅާފައި އޮންނަންވާނެ ސައްޙަ އަގަކީ ޔުނިޓަކަށް މަހަކު 10،419 ރުފިޔާ ކަމަށެވެ. އަދި އޭރު ކަނޑައެޅިގޮތަށް މަހަކު 5،600 ރުފިޔާއަށް ހައުސިންގ ޔުނިޓެއް ވިއްކިނަމަ، އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށެވެ.
މި ރިޕޯޓުގައި އެޗް.ޑީ.ސީ އިން މި އަހަރު ކަނޑައެޅި 11،000 ރުފިޔާގެ އަގާއި، ކުރީގެ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން 2018 ވަނަ އަހަރު ކަނޑައެޅި 6،600 ރުފިޔާގެ ހިސާބާއި، މާލޭ ސިޓީ އައު ކައުންސިލުން މި އަހަރު ކަނޑައެޅި 5،548 ރުފިޔާގެ ހިސާބުގެ އިތުރުން ސަރުކާރުން ކަނޑައަޅާފައިވާ 8،500 އެކުލަވާލުމުގައި ގެންގުޅެފައިވާ އަސާސްތައްވަނީ ދިރާސާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް