މުޖުތަމަޢުއަށް އެހީތައް ދިނުމަކީ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށް ސްޓެލްކޯ ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
އެމްޑީ މުޣުނީ މިހެން ވިދާޅުވީ ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތުކުރުމުގެ މަސައްކަތް ނިންމާ ޖެންޑަރ މިނިސްޓްރީއާ އިމާރާތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ އެވެ. ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ އެވެ.
ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކ.ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މަރާމާތުކޮށްދިނުމާއި ގުޅިގެން، އިތުރު 28 ޖާގަ އިތުރުވާނެ އެވެ.
މި ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން އަބަދުވެސް މަސައްކަތްކުރަނީ، މުޖުތަމަޢުގައި ތިބި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގާ ވެސް މިފަދަ އެހީތައް ދެމުންދާނެ ކަމަށެވެ.
ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ޚަރަދުގެ ގޮތުން ބަލާއިރު މިއީ ކުޑަ އަދަދެއް ނަމަވެސް، މި މަސައްކަތުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން ހިނގައްޖެ ކަމަށެވެ.
"މިއީ އަޅާލާނެ ބަޔަކު ނެތި މުޖުތަމަޢުގައި ތިބި އިތުރު މީހުން ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށް ލިބުނު ފުރުޞަތެއް. މަރުކަޒުގައި 199 މީހުން މިހާރު ވެސް އެބަތިބި. ޖާގައަށްވުރެ އިތުރަށް މިހާރުވެސް މީހުން ތިބީ." މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ވެއިޓިންގ ލިސްޓެއް ވެސް އެބައޮތް ކަމަށާއި ސްޓެލްކޯއިން ކޮށްދިން މަރާމާތާއެކު 28 ޖާގަ އިތުރުވާނެ ކަމަށެވެ.
https://twitter.com/STELCOMALDIVES/status/1452895635309412362
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، އުޅޭނެ ތަނެއް އަދި ބަލާނެ ބަޔަކު ނެތް މީހުން ދަޢުލަތުގެ ބެލުމުގެދަށަށް ގެނެސް ބަލަހައްޓަމުންދާ މަރުކަޒެވެ. ގުރައިދޫ މަރުކަޒުގައި ގިނައިން ބަލަހައްޓަމުންދަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާ އުމުރުން ދުވަސްވީ މީހުންނެވެ. މަރުކަޒުގައި މީހުން ބަލަހައްޓާތާ 45 އަހަރު ވަނީ ވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް