އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ ތަހުގީގު ކުރިޔަށްދާ ގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މަހުމޫދު މަރާލާފައި ފަޅުގެއެއްގެ ތެރޭގައި ހުރި ފެން ވަޅަކަށް ވައްޓާލާފައި އޮއްވަ ފެނުނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެ މައްސަލައިގަ އޭގެ ދެ ދުވަސް ފަހުން އެ ރަށުގައި އުޅޭ ބަންގްލަދޭޝް މީހަކު ހައްޔަރު ކުރުމަށް ފަހު މީގެ ދެ ދުވަސް ކުރިން ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް އެނގުނު ގޮތުގައި އިތުރު ބަޔަކު މަހުމޫދު މަރާލުމުގައި ބައިވެރިވެފައި ނުވާ ކަމަށެވެ.
ފުލުހުންގެ އެ ވާހަކަތައް ގަބޫލު ކުރަން އާއިލާއިން ވަނީ ދެކޮޅު ހަދާފަ އެވެ. އާއިލާއިން މީޑިއާގައި ބުނީ ހައްޔަރު ކުރި ބަންގްލަދޭޝްގެ ސާލިމްމިއާ ކިޔާ މީހާއަށް އެކަނި އެކަން ނުވާނެ ކަމަށެވެ.
މިވާހަކަތަކާއި ގުޅިގެން އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހުމޫދު މަރާލީ ސާލިމް އެކަނިކަމަށް އާއިލާއިން ގަބޫލު ކުރާ ސަބަބުތަކާއި މެދު ފުލުހުން އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި އެކަންކަމަށް ބަލައި ތަހުގީގު ވަރުގަދަކޮށްދިނުމަށް އޭނާ އެދިވަޑައިގެންފަވެ އެވެ.
އާދަމް ވިދާޅުވީ މަހުމޫދުގެ ތަހުގީގު ލ. އަތޮޅުގައި ވީނުވީއެއް ނޭނގި ގެއްލުނު މަރިޔަމް ޝިމާއަށް ވީގޮތް ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޝިމާ ގެއްލުނީ 22 ފެބްރުއަރީ 2019 ވަނަ ދުވަހުގެ ރޭ އިބްރާހިމް ފަޒީލް ނަމަކަށްކިޔާ މީހަކާއި އެކު ޑިންގީއެއްގައި ލ.ކައްދޫން ފުރައިގެން އެ އަތޮޅު މާމެންދުއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ މައްސަލައިގަ ފަޒީލް އާއި ފުލުހުން ސުވާލު ކުރި ނަމަވެސް ޝިމާ ގެއްލުނު ހާދިސާގައި އޭނާގެ މައްޗަށް ތުހުމަތެއް ކޮށްފައެއް ނުވެއެވެ.
އެހެންވެ މިހާރު އެ މައްސަލަ އޮތް ހިސާބެއް އަދި ކަން ވީގޮތެއް ނޭނގި އޮތީ މައްސަލަ އޮބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް