ރަށުގެ ތަރައްޤީއަށް ކުރެވޭކަންކަން ރައްޔިތުން ބޭނުންވާގޮތަށް ކުރުމަށް: ނައިބު ރައިސް

ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ރަށުގެ ތަރައްޤީއަށް ކުރެވޭކަންކަން ރައްޔިތުން ބޭނުންވާގޮތަށް ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން...

26 Oct 2021 | 07:55

ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ރަށުގެ ތަރައްޤީއަށް ކުރެވޭކަންކަން ރައްޔިތުން ބޭނުންވާގޮތަށް ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑުސިޓީ އާއި ފުވައްމުލައް ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.

މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ހޮސްޕިޓަލުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ ބުރަ މަސައްކަތް ކައުންސިލުން ފާހަގަކުރައްވާކަން ހާމަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ފުވައްމުލައް ސިޓީގައި ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހިނގަމުންދާ ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނީ ރަށުގެ ތަރައްޤީއަށް ކުރެވޭ އެންމެހާ މަސައްކަތްތަކަކީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ހިނގާ ކަންކަން ކަމުގައި ވެގެންދިއުމަށް ކަމުގައި ވިދާޅުވި އެވެ.

ފުވައްމުލައް ސިޓީގެ ތަރައްޤީގެ އެންމެހާ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވާ މަސައްކަތްތަކެއް ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމާބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ފުވައްމުލައް ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތާއި މޮޑެލް ސްކޫލް ކޮންސެޕްޓަށް ސްކޫލް ތަރައްޤީކުރުމާއި ހޮސްޕިޓަލަށް އިތުރުކުރަން ބޭނުންވާ ބައެއް ޚިދުމަތްތަކާބެހޭ ވާހަކަތައް ހިމެނެ އެވެ.

މީގެ އިތުރުންވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ފުވައްމުލައް ސިޓީގެ ޕަވަރ ހައުސްގެ މަސައްކަތާއި ލަފާ ފުރުމުގެ މައްސަލައިގެ އިތުރުން ރައްކާތެރިކަމާއެކު މޫދަށް ދެވޭނެގޮތެއް ނެތުމާއި ސްކޫލް ކުދިންނަށް ޓެބްލެޓްތައް ބޭނުން ކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ފުވައްމުލަކާއި ހުވަދު އަތޮޅާ ދެމެދު އޮތް ގުޅުން ކެނޑިފައިއޮތުން ފާހަގަކުރައްވާ އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާމެދު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަޝްވަރާކުރައްވާފައި ވެއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން ސާފުކުރަން ބޭނުންވި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު އެ ފަރާތްތަކާއި ހިއްސާކުރައްވާފަ އެވެ.

ކައުންސިލްގެ ފަރާތުން މިއަދު ފާހަގަކުރެއްވި ކަންކަމަށް ހައްލުހޯދުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރެވެންހުރި ކަންކަން ދެނެގަނެ އެފަދަ އެހީތެރިކަމެއްވާނަމަ އެކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް އެ އިދާރާތަކާއި ގުޅިގެން ކުރިޔަށްގެންދަވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒަށް އިތުރުކުރެވޭ ބައިގެ ބިން ބައްލަވާލައްވަން ވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް