ކުރީ ސަރުކާރުގައި ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔަ ބާރުމިނުގައި އެ ސަރުކާރުގެ ބޭބޭފުޅުންގެ ގެތައްވެސް މައްޗަށް އަރައިގެންދިޔަ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން އަގު ކަނޑައެޅުމުގައި ގަސްތުގައި މަކަރާއި އޮޅުވާލުން ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ނެވެ.
މި މައްސަލައަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ދައުލަތް ނިވާފަތްގަނޑަކަށް ހަދައިގެން ވައްކަންކުރުމުން ވެސް ފިޔަވަޅު ނޭޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"ކުރީ ސަރުކާރުގައި ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔައީ ވަރަށް ބާރު ސްޕީޑުގަ. އެއާއެކު އެ ސަރުކާރުގެ ބޭބޭފުޅުންގެ ގެތައްވެސް މައްޗަށް އަރައިގެންދިޔަ. ދައުލަތުން ވައްކަންކުރާ މީހުން ހިފައި ހައްޔަރުކުރަންވީކީއެއް ނޫން. ގާނޫނުއަސާސީގައި މިހާރު އޮންނާނެ އިސްލާމީ ޝަރީއަތް ތަންފީޒުކުރަން. ބަބަން! އެއްމަސް ދުވަހަށް ތަންފީޒުކޮށް، ޑަން! ފިނިޝް. ނިންމާލަންވީ،” ޖާބިރު ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނޭ ހޭލާށޭ! ހޭލާށޭ!. އަޅުގަނޑުމެންގެ ތެރޭގައި ވަގުން ތިބިއްޔާ ނައްތާލާށޭ. ސީދާ ބޯޓަކަށް ލައި ފުރުވާލާށޭ. މި ރާއްޖޭގައި ވައްކަންކޮށްކޮށް މި ގައުމުގައި ބަރަކާތެއް ނެތޭ މިހާރަކު. ވަރަށް ހިތާމަކުރަން އަޅުގަނޑު." ޖާބިރު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރުމުގެ މާނައަކީ އަނިޔާވެރިވުމަށާއި ވައްކަންކުރުމަށް ހިތްވަރު ދިނުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް