ކުރީ ސަރުކާރުން ހިޔާ މަޝްރޫއު ހިންގައިފައިވާ ގޮތް ތަހުގީގުކުރުމަށް ގޮވައިލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު މިއަދު ހުށަހެޅުއްވި މި މައްސަލައަކީ ހިޔާ ފްލެޓު މަޝްރޫއުގެ ސަބަބުން ދިވެހި ރައްޔިތުންނާއި ސަރުކާރަށް ގެއްލުން ވާނެ ކަމަށް އަންދާޒާ ކުރެވިފައިވާތީ، މި މަޝްރޫއު ހިންގައިފައިވާ ގޮތް ތަހުގީގުކުރުމަށް ގޮވައިލާ ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ފަލާހު ވިދާޅުވެފައިވަނީ މި މަޝްރޫއު ހިންގުމުގައި މަކަރާއި ހީލަތާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާތް މީހުންނަށް ނާޖާއިޒް ފައިދާ ހޯދައި ދީފައިވާ ކަމަށެވެ.
އެހެންކަމުން މަޝްރޫއު ހިންގުމުގައި އިސްކޮށް ތިބި މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް މި މައްސަލައިގާ ވަނީ ގޮވާލއްވާފަ އެވެ.
މީގެ އިތުރުން މިފަދަ ޖަރީމާތަކުން ރައްޔިތުންނަށާއި ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އޮޑިޓަރ ޖެނެރަލުން މިކަން ދިރާސާކުރުމަށް ފަހު ނެރުނު ރިޕޯޓުން ވެސް ދައްކާ ކަމަށާއި ދިވެހި ދައުލަތާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ސީދާ ގެއްލުންވާ ގޮތަށް އަމަލުކޮށް، ހިންގާފައިވާ ކަންކަން ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން ހިޔާ ފްލެޓު ކުލި ކަނޑައަޅައިފައިވަނީ، ގެއްލުން ވާނެ ގޮތަކަށް ކަމަށާއި މި ސަރުކާރުން އެ ކަމުގެ ހަގީގަތް ހާމަކުރުމުން، ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެއްދުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ މައްސަލަ ބެލުމަށް ވެސް މެމްބަރު ފަލާހު ހުށަހެޅުއްވި މައްސަލައިގާ ބުނެފައި ވެއެވެ.
މި މައްސަލަ މަޖިލީހަށް މަޖިލީހަށް ބަލައިގެންފައިވަނީ 33 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ ވޯޓާއެކުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް