މިސަރުކާރާއި މަޖިލީހުގެ ޒިންމާއަކީ އެރިޕޯޓްތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުންކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައެއްގައި ވާހަކަ ދައްކަވަމުން ނެވެ.
މި މައްސަލައަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމަށް ހިންގި ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން އަގު ކަނޑައެޅުމުގައި ގަސްތުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައަށް ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ ކުރީ ސަރުކާރުން 8 ބިލިޔަން ރުފިޔާއަށް އެޅި ހައުސިންގ މަޝްރޫއުގެ ތެރެއިން 100 ބިލިޔަން ރުފިޔާއަށް ވީގޮތެއް ނޭގި ގެއްލިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވާ ކަމަށެވެ.
"މިއީ އިތުރު ހައުސިންގ ޔުނިޓެއް އެޅޭވަރުގެ ފައިސާ. އޮޑިޓް ރިޕޯޓްތައް ހާމަ ކުރުމުން މިސަރުކާރާއި މަޖިލީހުގެ ޒިންމާއަކީ އެރިޕޯޓްތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުން. ކުރީގެ ވެރިކަމުގައި ކަންކުރި ގޮތަށް ރިޕޯޓް ނެރުމުން އޮޑިޓަރ ޖެނެރަލް ވަކިކޮށް މުއައްސަސާގެ އަގު ވައްޓާލުމަކީ މިސަރުކާރުން ކުރާނެ ކަމެއްނޫން." ޔައުގޫބު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ހިޔާ ހައުސިންގ ޔުނިޓަކަށް ކަނޑައަޅާފައި އޮންނަންވާނެ ސައްޙަ އަގަކީ ޔުނިޓަކަށް މަހަކު 10،419 ރުފިޔާ ކަމަށާއި، އޭރު ކަނޑައެޅިގޮތަށް މަހަކު 5،600 ރުފިޔާއަށް ހައުސިންގ ޔުނިޓެއް ވިއްކިނަމަ، އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
މި ރިޕޯޓުގައި އެޗް.ޑީ.ސީ އިން މި އަހަރު ކަނޑައެޅި 11،000 ރުފިޔާގެ އަގާއި، ކުރީގެ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން 2018 ވަނަ އަހަރު ކަނޑައެޅި 6،600 ރުފިޔާގެ ހިސާބާއި، މާލޭ ސިޓީ އައު ކައުންސިލުން މި އަހަރު ކަނޑައެޅި 5،548 ރުފިޔާގެ ހިސާބު އަދި ސަރުކާރުން ކަނޑައަޅާފައިވާ 8،500 އެކުލަވާލުމުގައި ގެންގުޅެފައިވާ އަސާސްތައްވަނީ ދިރާސާކޮށްފަ އެވެ.
މި ރިޕޯޓުގައިވާ ގޮތުން ކުރީގެ ސަރުކާރުން ނިންމާފައިވާ 6،600 ރުފިޔާއާއި މި އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ 6،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފަސް ސަތޭކަ ތިރީސް ދެ ރުފިޔާގެ ދަރަނި އަރާނެކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8،500 ރުފިޔާކަމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީމް މަހުގެތެރޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް