ލިމިޓު ކަނޑައަޅާފައިނުވާ، ޑޮލަރުން މުއާމަލާތުކުރެވޭ ކްރެޑިޓް ކާޑެއް ބީއެމްއެލްއިން ތައާރަފްކޮށްފި

ރާާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތައް ނުހިމެނޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ އެމެރިކާ ޑޮލަރު ވިސާ ކްރެޑިޓް ކާޑެއް މިއަދު ތައާރަފްކޮށްފިއެވެ. މ...

26 Oct 2021 | 06:04

ރާާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތައް ނުހިމެނޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ އެމެރިކާ ޑޮލަރު ވިސާ ކްރެޑިޓް ކާޑެއް މިއަދު ތައާރަފްކޮށްފިއެވެ.

މި ކާޑަކީ ކަސްޓަމަރަށް އެޕްރޫވްވެ ކަނޑައެޅިފައިވާ ކްރެޑިޓް ކާޑު ލިމިޓާ ހަމަޔަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކާޑެކެވެ. ބީއެމްއެލްއިން ބުނީ މިކާޑަކީ ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ މުއާމަލާތްތައް ކުރަންޖެހޭ ފަރާތްތަކަށް ވަރަށް އެކަށީގެންވާނެ ކާޑެއް ކަމަށެވެ.

ކާޑަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކޭނީ ހަމައެކަނި ޑޮލަރުންނެވެ. މިހާރު ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އިންޓާނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް މިހާރު ބޭނުންކުރާ ކާޑު، ޑޮލަރު ކާޑަކަށް ބަދަލު ކުރުމަށް އެދި ހުށަހެޅޭނެއެވެ. އަދި އަލަށް ކާޑަށް އެދޭ ފަރާތްތަކަށް އޮންލައިންކޮށްވެސް ކާޑަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވީ ރާއްޖޭން ބޭރުގައި ޑޮލަރުން މުއާމަލާތްކުރާ މީހުންނަށް މި ކާޑުގެ ސަބަބުން، ބޭންކުން ކަނޑައަޅާފައިވާ ޑޮލަރު ލިމިޓަށް ހައްލެއް ލިބޭނެ ކަމަށެވެ.

"ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނުހަނު ބޮޑު ނޭދެވޭ އަސަރެެއް ކޮށްފައިވާތީ ހާލަތަށް ރިއާޔަތްކޮށް، މިދިޔަ އަހަރު ބޭންކުން ވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ބޭރަށްދާ ޑޮލަރުގެ ނިސްބަތް މަދުކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް އަޅާފައި. މި ވޭތުވެދިޔަ އަހަރުތެރޭ ބޭންކުން މިވަނީ ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފައި. ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އާންމު ގޮތެެއްގައި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު މި ތައާރަފް ކުރެވުނު ކާޑާއެކު އިތުރު ހައްލެއް ލިބިގެންދާނެ،” ޓިމް ވިދާޅުވި އެވެ.

އަލަށް ތައާރަފް ކުރެވުނު ވިސާ ކްރެޑިޓް ކާޑު ކޯޕަރޭޓް ކާޑުގެ ގޮތުގައި ވިޔަފާރިތަކަށްވެސް ދޫކުރުމަށް ވަނީ ނިންމާފަ އެވެ. ޔޫއެސްޑީ ވިސާ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތްތައްވެސް ކުރެވޭނެ އެވެ.

300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ވިސާގެ ޕްރިންސިޕަލް މެންބަރުވެސްމެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް