ޕްރިމިއާ ލީގު: ޓީމު ބަލިވުމުގެ ޒިންމާ ހުރިހާ ކުޅުންތެރިން ނަގަން ޖެހޭނެ - ލުކް ޝޯ

މެންޗެސްޓާ (އޮކްޓޫބަރު 25) - އެންމެ ފަހުން ދާދިންތަ ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅެ ލަދުވެތި ގޮތަކަށް 0-5 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި ބަލިވުމަށް ގިނަ ...

26 Oct 2021 | 04:53

މެންޗެސްޓާ (އޮކްޓޫބަރު 25) - އެންމެ ފަހުން ދާދިންތަ ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅެ ލަދުވެތި ގޮތަކަށް 0-5 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި ބަލިވުމަށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް އަދިވެސް އަމާޒުވަމުން އަންނަ އިރު، ޔުނައިޓެޑްގެ ޑިފެންޑަރ ލޫކް ޝޯ އަކީ އެންމެ ބޮޑަށް ފާޑު ކިޔުންތައް އަމާޒުވި އެއް ކުޅުންތެރިއާއެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޝޯ ބުނެފައިވަނީ ލިވަޕޫލް އަތުން ޔުނައިޓެޑް ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމުގެ ޒިންމާ ނަގަން ޖެހޭނީ ވަކި ކުޅުންތެރިއެއް ނޫން ކަމަށާއި، އެކަމުގެ ޒިންމާ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އިތުރުން ކޯޗިން ސްޓާފުން ވެސް ނަގަން ޖެހޭނެ ކަމަށެވެ.

ޔުނައިޓެޑްގެ ރިޕޯޓަރ ސްޓިވާޓް ގާޑްނަރ އާއި ވާހަކަ ދައްކަމުން ޝޯ ބުނީ މެޗުން ބަލިވުމުން އެކަމުގެ ޒިންމާ ވަކި ބައެއްގެ ބޮލުގައި އަޅުވަން ނުޖެހޭ ކަމަށާއި އެކަމުގެ ޒިންމާ ޓީމުގެ ހުރިހާ ފަރާތްތަކުން ވެސް ނަގަން ޖެހޭކަމަށެވެ. ނަމަވެސް ވަކި ބަޔަކު މިކަމުގެ ޒިންމާ ވަކި ކުޅުންތެރިންތަކެއްގެ ބޮލުގައި އަޅުވާ ވާހަކަ ދައްކަމުން ދާ ކަމަށާއި އެއީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ވެސް ޝޯ ބުނެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޔުނައިޓެޓްގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދުމަށް ޝޯ ބުނީ އެ އުނދަގޫ ހާލަތްތަކުގައި ވެސް ވަރުބަލިކަމެއް ނެތި ކެއްތެރިކަމާއި އެކު ޓީމަށް ސަޕޯޓްކުރުމަށް ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޝޯ ބުނީ ލަދުވެތި ނަތީޖާއަކުން ހީވެސް ނުކުރާ ފަދަ ގޮތަކަށް ކުލަބު ބަލިވެގެން ދިއުމުން ދެރަވާ ކަމަށާއި، އެއީ ޓީމުގެ އެއްވެސް ސަޕޯޓަރަކުވެސް އަދި އެއްވެސް ކުޅުންތެރިއަކުވެސް އަދި ކޯޗުވެސް ބޭނުންވި ގޮތް ނޫންކަމަށެވެ. އަދި ފުޓްބޯޅަ އަކީ މިފަދަ ކުޅިވަރެއް ކަމަށާއި، މިއަށް ވުރެ ބޮޑު ނަތީޖާއަކުން ކިތެއްމެ މޮޅު ޓީމެއް ވެސް ކިތެންމެ ބަލި ޓީމެއްގެ އަތުން ވެސް ބަލިވެދާނެ ކަމަށެވެ. މިއީ ފުޓްބޯޅައިގައި އަވަދުވެސް ހިނގާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ޝޯ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އަދި ކޯޗުވެސް، ސަޕޯޓަރުން ގެވެސް އުންމީދަކީ އެރޭގެ މެޗުން މޮޅުވުން ކަމަށެވެ. ނަމަވެސް ހެދުނު ގޯސްތަކެއްގެ ސަބަބުން ޓީމު ބަލިވެގެން ދިޔައީ ކަމަށެވެ. އަދި އެކަމުގެ ޒިންމާ އޭނާ ވެސް ނަގާ ކަމަށް ޝޯ ބުންޏެވެ.

" ހަގީގަތަކީ ޓީމު ލަދުވެތި ގޮތަކަށް ބަލިވެގެން ދިޔައީ ހެދުނު ގޯސްތަކަކުން. އެކަމުގެ ޒިންމާ ވަކި ކުޅުންތެރިއެއް ނޫން ހުރިހާ ކުޅުންތެރިން ވެސް ނަގަން ޖެހޭ. އެ މެޗުގެ ނަތީޖާ ނުކުތީ އަހަރެމެން އުންމީދު ކުރިގޮތަކަށް ނޫން. އަހަރެމެން މެޗަށް ނުކުތީ މޮޅުވާން. ނަމަވެސް ކަން ދިމާ ކުރި ގޮތުން އަހަރެމެން ބަލިވީ. އެކަމުގެ ޒިންމާ އަހަރެންވެސް ނަގަން." ލޫކް ޝޯ ބުންޏެވެ.

މީގެ އިތުރުން ޝޯ ބުނީ ޓީމު ބަލިވި ބަލިވިބަލިވުމާއި މެދު ރަނގަޅަށް ވިސްނާ ގޯސް ހެދުނު ކަންތައްތައް ރަނގަޅު ކޮށް ކުރިޔަށް އޮތް މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ހުރިހާ ކުޅުންތެރިންނާއި ކޯޗު ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ފުޓްބޯޅަ އަކީ މޮޅުވުމާއި ބަލިވުން ވެސް އޮތް ކުޅިވަރެއް ކަމަށާއި މެޗަކުން ބަލިވުމަކީ އެކަމުގެ ސަބަބުން ދެން ހުރި މެޗުތަކަށް އޭގެ އަސަރު ކުރަންވީ ކަމެއް ނޫން ކަމަށް ވެސް ޝޯ ބުންޏެވެ.

" ލިވަޕޫލް އަތުން ވި ބަލިމަތިން ހަނދާން ނައްތާލާ އަލުން އާ ފެށުމަކުން ފަށަންވީ. ދެން ހުރި މެޗުތަކުން ވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދަން މަސައްކަތް ކުރަންވީ. އަހަރުމެންނަށް އެކަން ވާނެ. ޓީމުގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު އެކަން ނުވާންވި ސަބަބެއް ނެތް." ޝޯ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް