ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ އިލްމުވެރިން ބޭރުގައި ނޫޅުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފި

ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ އިލްމުވެރިން ބޭރުގައި ނޫޅުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފިއެވެ. އެ ގުޅުމުން މިކަމަށް އިލްތިމާސް ކޮށްފައިވަނީ "ސަމާލުކަމަށް" މި ސުރުހީގެ ދަށުން އާންމ...

26 Oct 2019 | 15:37

ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ އިލްމުވެރިން ބޭރުގައި ނޫޅުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފިއެވެ. އެ ގުޅުމުން މިކަމަށް އިލްތިމާސް ކޮށްފައިވަނީ "ސަމާލުކަމަށް" މި ސުރުހީގެ ދަށުން އާންމުކޮށްފައިވާ ނޯޓެއްގައެވެ.

އެ ނޯޓުގައި ބުނެފައިވާގޮތުގައި ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ދީނީ އިލްމުވެރިން އެބޭފުޅުންގެ އަމިއްލަ ސަލާމަތީ ކަންކަމާ މެދުގައި ހާއްސަ ސަމާލުކަމެއް ބެހެއްޓުން މުހިންމު ކަމުގައި އެ ގުޅުމުން ދެކެއެވެ.

އެގޮތުން ހަ ކަމަކަށް ފަރުވާތެރިވުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފައިވެއެވެ. އެއީ:-

  1. ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ މަގުމައްޗަށް ނިކުމެ ނުހެއްދެވުން. ހާއްސަކޮށް ރޭގަނޑުގެ ދަން ވަގުތުތަކުގައި ނިނިކުންނެވުން. ދަން ގަޑިތަކުގައި ބޭރަށް ދުރުވާނަމަ އެކަނި ބޭރަށް ވަޑައިނުގަތުން.
  2. އެއްވެސް ކަހަލަ ގޮތަކުން ކިތަންމެ ކުޑަ ހާނީއްކައެއް ލިބިއްޖެ ނަމަވެސް އެކަމާ އިހުމާލުވެ ވަޑައިނުގެން، ވަގުތުން އަވަސް ފަރުވާ ހޯއްދެވުން.
  3. އަމިއްލަ ކާރުކޮޅު ނުވަތަ ސައިކަލުކޮޅު ޕާކުކޮށްފައި ހުއްޓައި ގެއްލުމެއް ލިބިފައި ހުރިކަން ފާހަގަވެއްޖެ ނަމަ އެކަމެއް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނެވުން.
  4. "އެއްވެސް ބާވަތެއްގެ" ޝައްކެއް އުފެދޭ ފަދަ ކަމެއް ފާހަގަ ވާނަމަ ކަމާބެހޭ ފަރާތްތަކުގެ ލަސްނުކޮށް ސަމާލުކަމަށް ގެންނެވުން.
  5. ބޭނުންވެއްޖެ ކަމަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައި ސަލާމަތީ ކަންކަން ބަލަހައްޓަވައި ދެއްވުމަށް އެދި ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަތުން.
  6. ހެނދުނާއި ހަވީރުގެ ދުއާތައް ކިޔުމުގައި އިތުރަށް ފަރުވާތެރިވުން.

"މާތް ﷲ ތިޔަ އެންމެހާ ބޭފުޅުން ސަލާމަތްކަމާ އެކު ލަހައްޓަވާށި. އާމީން." އެ ނޯޓް ނިންމާލާފައިވަނީ މި ބީދައިންނެވެ.

އިލްމުވެރިން ސަމާލުވުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފައިވާއިރު އިސްލާމް ދީނަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން އިލްމުވެރިން އަންނަނީ ނުރުހުން ފާޅުކޮށް އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް