މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުން ރާއްޖެއިން އަބަދުވެސް އަޑުއުފުލާނެ- ޝާހިދު

މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުން ދިވެހިރާއްޖެއިން އަބަދުވެސް އަޑުއުފުލާނެކަމަށާއި، އަވަސް ފިޔަވަޅުތައް އެޅުމަށް ބޭރުގެ ޤައުމުތަކަށް ބާރު އަޅާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ....

26 Oct 2019 | 14:00

މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުން ދިވެހިރާއްޖެއިން އަބަދުވެސް އަޑުއުފުލާނެކަމަށާއި، އަވަސް ފިޔަވަޅުތައް އެޅުމަށް ބޭރުގެ ޤައުމުތަކަށް ބާރު އަޅާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، އަޒަރްބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން އެލައިންޑް މޫވްމަންޓް (ނާމް)ގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 18 ވަނަ ސަމިޓްގައި ވާހަކަދައްކަވަމުން ނެވެ.  މި ސަމިޓްގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުންނެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި މި ސަރުކާރުން ނިމިދިޔަ އަހަރު ވެރިކަމަށް އައުމަށްފަހު ކުރިއަށްގެންދާ ސިޔާސަތުތަކާއި ބެހޭ ގޮތުން އަލިއަޅުއްވާލެއްވިއެވެ. އަދި ނާމްގެ ޤައުމުތަށް ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ މުޖްތަމައާއި އެކު އަލުން ގުޅުން ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ޓެރަރިޒަމާއި، މޫސުމީ ބަދަލުތައް ފަދަ މައްސަލަތަކަށް ނާމްފަދަ ޖަމްއިއްޔާތަކުން އަހުލުވެރިވާން ޖެހޭކަމަށާއި، މިމައްސަލަތަކަށް ހައްލު ހޯދޭނީ ޤައުމުތައް ގުޅިގެން މަސައްކަތްކޮށް، ނަތީޖާ ނެތުމަށް އަމާޒުހިފައިގެންކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ހަމައެއާއިއެކު މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކަށް ޤައުމުތައް ގުޅިގެން ކުރިމަތިލުމާއި ބެހޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ފެނާއި ކާބޯތަކެއްޗާއި، ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެމުންދާ ސިޔާސަތާއި ބެހޭ ގޮތުން ވާހަކަ ދައްކަވައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ކުރާ ތާޢީދު ތަކުރާރުކުރައްވާފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހުގައި ނާމް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި، އެމްބެސެޑަރ އެޓް ލާޖް އަހުމަދު މާހިރުގެ އިތުރުން އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލްއެވެ.

120 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ ނަން-އެލައިންޑް މޫވްމަންޓަކީ އދ ފިޔަވައި ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމާޢަތެވެ. ދިވެހިރާއްޖެއިން ނާމްގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް